މިސަރުކާރުން މުޅި ރާއްޖެއަށް މިގެނެސްދޭ ތަރައްޤީ މިހާ ފަސޭހައިން މިގެނެސް ދެވެނީ ރާއްޖޭގައި ގާއިމް ވެފައި އޮތް އަމާންކަމާއި ސުލްހަވެރިކަމުގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާއަށް ރައީސް ޞާލިހު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ މާފުށީފައި ބޭއްވި ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި އޮތް ހަލަބޮލި ކަމާއި، ނާމާންކަމަކީ ދިވެހި ރައްޔިތުން ބޭނުންވި ތަނެއް ނޫންކަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވީ އަމާންކަމާއި ސުލްހަވެރި ޤައުމެއް ކަމަށާއި، މިއަދު ރާއްޖެ ގެނެސްދެވޭ ތަރައްޤީގެ ބޮޑު ބަޔަކީ ރާއްޖޭގައި އޮތް ހަމަޖެހުމުގެ ސަބަބުން ގެނެސްދެވޭ ތަރައްޤީކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވަނީ ވައުދުތަކަކާއި އަމާޒަކާއެކުގައި ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމަކީ އާ ޒުވާނުންނަށް ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާތަށްވުރެ ބޮޑަށް ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ. އިތުރަށް ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު މިހާރަށްވުރެ ބޮޑަށް ޒުވާނުންނަށް ދިނުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށެވެ. ދިވެހިންނަކީ ވިސްނުންތެރި، ހޭލުންތެރި، މަަސައްކަތްތެރި ބައެއްކަމަށާއި، ބޭނުން ވަނީ އެ މަސައްކަތް ކުރާނެ ޖާގަ ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ މަގުސަދަކަށް ވާންވާނީ އެކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ބޭނުންވާ އަސާސީ ޚިދުމަތާއި އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދިނުމުގެ މަސައްކަތް ކުރަމުންދިޔައީ ތަފާތުކުރުމެއް ނެތި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މި ވެރިކަން ނިމޭއިރު ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ރަށެއްގައި ނިމެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ މާފުއްޓާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ވީ ވައުދުތަކުގެ %90 ނިންމީ ދިމާވި ދަތިތަކާއި އެކުގައި ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، ޒުވާނުންނަށް ގައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަޅުގަނޑުގެ ކުރިއަށް މި އޮތް ދައުރުގެ އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް، މި ޖީލަށް ފުރުސަތު ހުޅުވައިލުން. ރާއްޖޭގެ ކަންކަމުގައި ބަސްބުނެ ހަރަކާތްތެރިވުމުގެ ޖާގަ މިހާރަށްވުރެ ބޮޑަށް ހުޅުވައިލުން.
– ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް މާފުށްޓަށް ރައީސްގެ ވައުދުތައް:
– މާފުށީގެ ބޮޑެތި މަގުތައް ހެދުން
– ރަނގަޅު ފެރީ ޓާމިނަލަކާއި ޖެޓީއެއް ތަރައްގީކުރުން
– ހިއްކި ބިމުގައި ނަރުދަމާ ގާއިމްކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުން
– މާފުށީ ހޮސްޕިޓަލް ޒަމާނީކޮށް ތަރައްގީކުރުން
އެ މަނިކުފާނު ވިދާޅުވީ ދިވެހީންނަކީ މަސައްކަތްތެރި ބައެއް ކަމަށާއި ބޭނުންވަނީ މަސައްކަތް ކުރާނެ ޖާގައާއި ވަސީލަތްތައް ކަމަށެވެ. އެއީ، އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް އެންމެ ފުރަތަަމަ ކަމެއްގެ ގޮތުގައި މަސައްކަތް ފެށި ސަބަބުކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ