ނިމިދިޔަ ރިިޔާސީ އިންތިޚާބުގައި ހޯދުނު ކާމިޔާބީއާއި ހަމައަށް ދެވޭތަން ފެންނަމުންދާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މާލޭގައި ގަލޮޅު ދެކުނު ދާއިރާގައި ދޮރުންދޮރަށް މިއަދު ހިންގެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ހޯއްދެވުމަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ، މިއަދު ޒިޔާރަތް ކުރެއްވި ގޭގެއިން އެމަނިކުފާނަށް ވަރަށް ބޮޑު އުއްމީދެއް ލިބިގެން ހިނގަައްޖެ ކަމަށެވެ.
އަޅުގަނޑަށް ގަލޮޅު ދެކުނުން މި ވަދެވުނު ގޭގެއިން ވަރަށް އުއްމީދު ލިބިއްޖެ. މަސައްކަތް ކުރަނީ 2018 ގައި އެ ލިބުނު، ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަނީ، އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ.
– ރައީސް ޞާލިހު ވިދާޅުވިއެވެ.
އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މިއަދު އިދިކޮޅު ލީޑަރު ރައީސް ޔާމީނާ ވާދަކުރައްވައިގެން ރައީސް ސޯލިހް ކާމިޔާބު ކުރެއްވީ 58.4 ޕަސަންޓުންނެވެ. އެއީ 134،128 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 41.6 ޕަސަންޓެވެ. އެއީ 95،631 ވޯޓެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދު ބައްދަލުވި ރައްޔިތުންގެ މިހާރު އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ ހަމަ އަސްލުވެސް ގޯތި ދޭނެތޯ އަހައި ކުރާ ސުވާލު ކަމަށެވެ.
އަދި އިއުލާނެއް ކޮށްލިއަސް، އަދިވެސް އެ ޝައްކު އޮންނަނީ، އެހެންނަމަވެސް އަޅުގަނޑު ހަމަ ޔަގީންކޮށް އެބޭފުޅުންނަށް ދެންނެވިން ލިސްޓުގައި ލިބޭނެ ކަމަށް އެއޮތް ހުރިހާ ބޭފުޅުންނަށް، ވަރަށް ވަރަށް ބޮޑު މައްސަލައެއް އޭގައި ނެތް ކަމުގައި ވަންޏާ އަޅުގަނޑުމެން [ގޯތި] ދޫކުރާނަމޭ.
– ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް މިއަދު މާލޭގައި ދޮރުންދޮރަށް ހިންގެވިއިރު މާދަމާ އެމަނިކުފާނު ކ. މާފުށި، ގުޅި އަދި ގުރައިދުއަށް ކެމްޕޭންގައި ވަޑައިގަންނަވާނެއެވެ.