ވާދަވެރި ފަރާތްތަކުން ކިތަންމެ ވަރަކަށް ޖެހިގަނެގެން އުޅުނަސް މާލެއިން ރައީސުލްޖުމްހޫރިއްޔާ ހީވެސް ނުކުރާހާ ބޮޑު ތާއީދެއް ލިބިވަޑައިގަންނަވާނެ ކަމަށް ޑިފެންސް މިނިސްޓަރު އަދި މާލޭގެ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ކުރިއަށް ގެންދިއުމަށް މާލޭގެ ގޭގެއަށް ދޮރުން ދޮރަށް ހަރަކާތް މިއަދު ވަނީ ފަށައިފައެވެ. އެގޮތުން މިހާރު ކުރިއަށްދާ އެ ހަރަކާތުގައި ރައީސް އެންމެ ފުރަތަމަ ޒިޔާރަތްކުރައްވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ ގޭގެއަށެވެ.
އެ ހަރަކާތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ގޭގެއަށް ވަޑައިގެންނެވުމުން ރައީސަށް ސަޕޯޓު އޮތް މިންވަރު ފެންނަ ކަމަށެވެ.
އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް މާލެއާ ދޭތެރޭގައި. މާލޭގެ މެޖޯރިޓީ ބޮޑު ޕަސަންޓެއް ރައީސް ސޯލިހަށް މި ފަހަރު ނެގޭނެ. ހަގީގަތުގައި މަސައްކަތް އަދި ކިރިޔާ މި ފެށުނީ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ މި ތާއީދު ދާނީ އިތުރުވަމުން.
– މާރިިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވި ގޮތުގައި މާލޭގެ ތާއީދު ރައީސް ސޯލިހަށް އިތުރުވި އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ރައްޔިތުންނަށް ގޯތި ލިބޭނެ މަގު މި ސަރުކާރުން ފަހިކޮށް ދިނުމެވެ. މާލޭގެ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ ޝަކުވާ އަށް ހައްލެއް ގެނެސް ދެއްވުމަށް ކެރިވަޑައިގެންނެވި ވެރިއަކީ ރައީސް ސޯލިހް ކަމަށާއި ގޯތި ލިބުނު މީހުންގެ އުންމީދުތައް މިއަދު އާވެފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
މިދިޔަ 50 އަހަރު މާލޭގައި ދިރިއުޅުނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ވަރަށް ގިނަ ވެރިންނަށް ފުރުސަތު ދެވިއްޖެ. އެހެން ނަމަވެސް މާލެއަށް ބޭނުންވާ ހަގީގީ ބިންވެރިކަމާއި ބޯހިޔާވަހިކަން އަދި އަޅުގަނޑުމެން ދަތި ހާލުގައި މި އުޅޭ އުޅުމަށް އެކަށީގެންވާ ލުޔެއް ގެންނާކަށް (ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި) އެއްވެސް ރައީސެއްގެ ވިސްނުންފުޅަކު ނެތް.
– މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް @ibusolih، މާލެ ސިޓީ ކޯޑިނޭޓަރ އަލްއުސްތާޛާ @MariyaDidi އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޕީ @MickailNaseem ، ރިޔާަސީ އިންތިޚާބުގެ ކެންޕެއިން ގަލޮޅު ދެކުނު ދާއިރާގެ ދޮރަށް ދަޮރަށް ހިންގެވުން ކުރިއަށް ދަނީ. #Ibu2023 #UfaaveriAmaanRaajje pic.twitter.com/fN0makRSaV
— MDP Secretariat (@MDPSecretariat) July 12, 2023
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެއްޓެވީ ށ. ފޯކައިދޫގައެވެ. "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުން އެ ރަށުގައި ފޯރިގަދަ ޖަލްސާއެއް ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރެއެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ނޫމަރާ އަށް ވަޑައިގެން އެ ރަށް ރަށުގައި ވެސް ކެމްޕެއިން ކުރައްވައިފައެވެ.
ކޮމެންޓު ފޮނުވާ