10 ވަނަ ދިވެހި ފިލްމު އެވޯޑްސް އަންނަ އޯގަސްޓް މަހުގެ 5 ގައި ބާއްވަން ނިންމާ ފިލްމުތައް ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން މި އެވޯޑް އިންތިޒާމް ކުރާ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ މި ފަހަރުގެ އެވޯޑްގައި ބައިވެރިކުރުމަށް ހަމަޖެހިފައި ވަނީ 2019-2022 އަށް ރިލީޒްކޮށްފައިވާ ފިލްމުތައް ކަމަށެވެ.
މީގެ އިތުރުން އެންސީއޭ އިން ބުނެފައިވަނީ މި އެވޯޑް ދިނުމުގެ މަގުސަދަނީ ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުންކަމަށެވެ.
ދިހަވަނަ ފިލްމް އެވޯޑްގައި ފިލްމު ބައިވެރިކުރުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1:30 އެވެ. އެކަމަށް އެދޭ ފޯމް އެންސީއޭ އިން މިހާރު ލިިބޭނެ އެވެ. އަދި އެތަނުގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
މިއެވޯޑުގެ ބައިވެރިވުމަށް އެދޭ ފޯމް އެން.ސީ.އޭގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 7906246 ނަންބަރު ފޯނާއި ގުޅުއްވުން އެދޭކަމަށްވެސް އެންސީއޭއިން ބުނެފައިވެއެވެ.