ބްރެޒިލްގެ ކުރީގެ ރައީސް 8 އަހަރަށް އެއްވެސް އާންމު އިންތިޚާބެއްގައި ވާދަކުރުން މަނާކޮށްފި

ބްރެޒިލްގެ ކުރީގެ ރައީސް 8 އަހަރަށް އެއްވެސް އާންމު އިންތިޚާބެއްގައި ވާދަކުރުން މަނާކޮށްފި

Author
ހުސެއިން
01 ޖުލައި 2023 08:27
0

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯއަށް ކުރިޔަށް އޮތް 8 އަހަރަށް އެއްވެސް އާންމު އިންތިޚާބެއްގައި ވާދަކުރުން ބްރެޒިލްގެ ސުޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް (TSE)އިން މަނާ ކޮށްފިއެވެ. ބްރެޒިލްގެ ސުޕީރިއަރ އިލެކްޓޯރަލް ޓްރައިބިއުނަލް މި ހުކުމާއެކު 20230 ވަނަ އަހަރުގެ ނިޔަލަށް ބްރެޒިލްގައި ބޭއްވޭ އެއްވެސް ރިޔާސީ އިންތިޚާބެއްގައި ބިލްސޮނާރޯއަށް ވާދައެއް ނުކުރެވޭނެއެވެ.

ޓްރައިބިއުނަލްގެ 7 ފަނޑިޔާރުންގެ ތެރެއިން 5 ފަނޑިޔާރުންގެ ވޯޓާއެކު އެ ޓްރައިބިއުނަލްއިން ކުރި މި ހުކުމުން، 2030ގެ ނިޔަލަށް އާންމު އިންތިޚާބުތަކުގައި ވާދަކުރުން ބޮލްސޮނާރޯއަށް މަނާ ކުރީ އެންމެ ފަހުން ބޭއްވުނު ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި އޭނާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށް، އެގައުމުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ އިތުބާރު ގެއްލުވާލަން އޭނާ މަސައްކަތް ކޮށްފައިވާތީކަމަށް ބުނެއެވެ.

ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރުމަހު ބޭއްވުނު ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވަރަށް ހަނި އަޢުލަބިއްޔަތަކުން ބޮލްސޮނާރޯގެ މައްޗަށް މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހޯއްދެވި ނަތީޖާ، ސަޕޯޓަރުން ބޭނުންކޮށްގެން ބަދަލު ކުރުމަށް ބޮލްސޮނާރޯ މަސައްކަތް ކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.

އެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމާއެކު ބޮލްސޮނާރޯގެ ސަޕޯޓަރުންވަނީ ބްރެޒިލްގެ ސަރުކާރުގެ އިމާރާތްތަކަށް ހަމަލާދީ އެތަންތަނަށް ވަދެގެންފައެވެ.

ބްރެޒިލްގެ އިލެކްޓޯރަލް ޓްރައިބިއުނަލުން ކުރި ހުކުމާއެކު، 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު، ކަނާތުފިޔައިގެ، އުމުރުން 68 އަހަރުގެ ބޮލްސޮނާރޯއަށް ގެއްލިގެން ދާނެއެވެ.

ބްރެޒިލްގެއިލެކްޓޯރަލް ޓްރައިބިއުނަލުން ހުކުރުދުވަހު ނެރުނު ހުކުމް ބޮލްސޮނާރޯ ސިފަ ކޮށްފައިވަނީ އޭނާގެ "ބުރަކައްޓަށް ހެރި ވަޅިއެއްގެ" ގޮތުގައެވެ. އަދި އޭވާނީ ކަނާތު ފިޔައިގެ ސިޔާސީ ހަރަކާތްތައް ހިންގުމުގައި ެދެމި ހުންނަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ގޯސް އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

"އަހަރެން ވޯޓިން ސިސްޓަމަށް ހަމަލާ ދީފައެއް ނުވާނެ. އަހަރެން ހަމައެކަނި ފާހަގަ ކޮށްފައިވަނީ އޭގައި ހުރި ދެކޮޅު ނުޖެހޭ ކަންކަން. މިއީ ތާކުންތާކު ނުޖެހޭ ހުކުމެއް،" ބްރެޒިލްގެ އިޓާޓިއައިއާ ރޭޑިއޯގައި ވާހަކަ ދައްކަވަމުނ ބޮލްސޮނާރޯ ވިދާޅުވެފައި ވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހުކުމް ބްރެޒިލްގެ ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެކަމަށް ބޮލްސޮނާރޯ އިޝާރާތް ކުރައްވާފައިވި ނަމަވެސް، އޭނާއާ އެއްކޮޅަށް ސުޕްރިމް ކޯޓުން މައްސަލަ ނިންމަފާނެ ކަމަށް ނުބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.