ޢަރަފާތް ދުވަސް ލިޔުނީ:
އެމައިދާން ބައިބޮލެވެ. އެތައް ލައްކަ ބައެކެވެ. ހުދު ފޭރާންތަކެވެ. ދެ ފޭރާންގެ އިޙުރާމްތަކުގައެވެ. މުއްސަނދިކަމާއި ފަޤީރުކަމުގެ ފަރަގެއް ނުފެނެއެވެ. ކަޅާއި ދޮނުގެ އެއްމަޖްލިސެއްގައެވެ. ޢަރަބީއަކާ އަޖަމީއެއްގެ ފަރަގެއް ނެތެވެ. ބާރުގަދަމީހާއާއި ދެރަނިކަމެތި މީހާވެސް ހަމަ 2 ފޭރާމުގައެވެ. އެންމެން ހުއްޓި ﷲ ގެ ޙަޟްރަތަށް މުނާޖާ ދަންނަވަނީއެވެ. އެކިފަންތީއެކި އެތައް މިލިޔަން ބަޔަކު އެކަލާނގެ ރަޙްމަތަށް އެދިގެން ދުޢާކުރަނީއެވެ. އެއްބަޔަކު ދެ އަތް އުފުލައި ރޮނީއެވެ. އަނެއް ބަޔަކު ޒިކުރު ކުރަނީއެވެ. އަނެއްބަޔަކު މަޙްޝަރުދުވަހުގެ މައިދާނުގައި ޚަލްޤުތަކުން އެއްކުރެވިދާނޭ ކަންވެސް ހިތްމައްޗަށް ގެނެސް ރަޙުމަތާއި ފުއްސެވުމަށް އެދި ދަންވަނީއެވެ. ﷲ ގެ ކަލާމްފުޅު ކިޔަވަނީއެވެ. ނަޞޭޙަތް އަޑުއަހަނީއެވެ. ޙަޔާތުގައި ކުރެވުނު ކުށްފާފަތަކަށް ޢަފޫދެއްވުން އެދި އިބްތިހާލް ކުރަނީއެވެ. ފިރިހެންތަކުންނާއި އަންހެންތަކުންވެސް ރަޙުމަތުގެ ވެރި ރައްބުގެ ހިޔަލަށް އެދި އާދޭސްކުރަނީއެވެ. މީ ކޮންފަދަ ފުރިހަމަ މަންޒަރެއް ތޯއެވެ!
އާދެ! މިއީ ﷲ ތަޢާލާ އުފާވެވޮޑިގެންވާ މަންޒަރެކެވެ. ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައެވެ. " إِنَّ اللَّهَ عَزَّ وَجَلَّ يُبَاهِي مَلَائِكَتَهُ بِأَهْلِ عَرَفَةَ عَشِيَّةَ عَرَفَةَ فَيَقُولُ : انْظُرُوا إِلَى عِبَادِي أَتَوْنِي شُعْثًا غُبْرًا " މާނައީ: "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ މަލާއިކަތުންގެ މައްޗަށް ޢަރަފާތުގެ އަހުލުވެރިންގެ ސަބަބުން ޢަރަފާތްދުވަހު ފަޚުރުވެރިވޮޑިގަނެއެވެ. އަދި ބަސްފުޅު ވަޙީކުރައްވައެވެ. " ތިމަންއިލާހުގެ އަޅުތަކުންނަށް ބަލާބަލާށެވެ. ތިމަންއިލާހަށްޓަކައި އެބައިމީހުން ބޯހޭވި ހިރަފުސްވެފައިވާ ހާލުގައި އެވަނީ އައިސްފައެވެ." رواه أحمد
އާދެ! މިއަދަކީ މިއަހަރުގެ ބަރަކާތްތެރި ޙައްޖު ދުވަހެވެ. މިއަދަކީ ޙައްޖުވެރިން އަދާކުރާ ރުކުންތަކާއި ވާޖިބުތަކުގެ ތެރެއިން އެންމެ މުހިންމު ރުކުން ކަމުގައިވާ ޢަރަފާތުގައި މަޑުކުރުން ފުރިހަމަކުރާ ދުވަހެވެ. މިއަދުގެ އިރު މެދުއުޑުން ވީއްލުމާއިއެކު، އިރު އޮއްސުމާހަމަ އަށް އެއީ އެ މާތް އަޅުކަން އަދާކުރާ ވަގުތެވެ.
ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (الْحَجُّ عَرَفَةُ) رواه النسائي މާނައީ: "ޙައްޖަކީ ޢަރަފާތެވެ." މިއުފާވެރި ދުވަހުގެ ބަރަކާތާ ސަވާބު އަޅަމެން އެންމެނަށްވެސް ދެއްވުން އެދި ދުޢާކުރަމެވެ. އާމީން.
ޢަރަފާތުން ފެންނަނީ އިސްލާމުންގެ ހަމަހަމަ ކަމެވެ. އެއްބަނޑު އެއްބަފާކަމެވެ. އިލާހަށް ބަރޯސާވުމާއި ކުށްފާފަތަކުގެ ކައްފާރާ ދައްކާތަނެވެ. ފަހެ މިހެންވެ ﷲ ތަޢާލާ އަޅުތަކުން ނަރަކައިން އެންމެ ގިނައިން މުއްތިކުރައްވަނީ މިދުވަހުއެވެ.
ފަހެ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ فِيهِ عَبْدًا مِنْ النَّارِ مِنْ يَوْمِ عَرَفَةَ" رواه مسلم މާނައީ: "ދުވަސްތަކުގެ ތެރެއިން اللهސުބުޙާނަހޫ ވަތަޢާލާ، ޢަރަފާތްދުވަހަށްވުރެ ގިނައިން އެހެންދުވަހެއްގައި، އަޅުތަކުން ނަރަކައިން މުއްތި ނުކުރައްވަތެވެ."
މި ބަރަކާތްތެރި ދުވަހުގައި ޙައްޖުވެރިން ނޫނަސް ހުރިހާ މުސްލިމްތަކުންވެސް މިދުވަހުގެ މާތްކަން ހޯދުމަށް ހެޔޮ ދުޢާކުރުންމަތީ ޤާއިމްވުން ހުއްޓެވެ. އެގޮތުން އަންނަނިވި ދުޢާއަކީ ސުންނަތުން ސާބިތުވެފައިވާ ދުޢާއެވެ. ފަހެ އިތުރު އެކަލޭގެފާނު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ" رواه الترمذي މާނައީ: "އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތްދުވަހުގައި ކުރާދުޢާއެވެ. ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުގެ ކުރީގެ ނަބީބޭކަލުން އެދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ."
ބޭފުޅުންނޭވެ! ޙައްޖަށް ނުދެވުނު ފަރާތްތަކުން މާޔޫސްވާކަށް ނުޖެހެއެވެ. ޙައްޖަށް ދެވޭތޯ ކުރެވުނު މަސައްކަތް ﷲ ދެނެވޮޑިގެންވެއެވެ. ވީމާ ކަންބޮޑުވެނުލައްވާށެވެ! ﷲ ތަޢާލާޢީ އެންމެ މަތީ ދަރަޖައަށް ރަޙުމަތްލައްވާ އިލާހެވެ އާދެ! ޙައްޖުވެރިންނަށް ޢަރަފާތް ދުވަހު ރޯދަ ހިފުން މަނާކުރެވުނުއިރު، ޙައްޖުވެރިން ނޫން ފަރާތްތަކަށް މިއަދު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. 2 އަހަރުދުވަހުގެ ކައްފާރާ އެއްކަމުގައި މިދުވަހުގެ ރޯދަ ލެއްވިފައިވެއެވެ. ކޮންފަދަ ދީލަތިކަމެއް ތޯއެވެ.
އަންނަނިވި ޙަދީޘްކިޔާލައްވާށެވެ! "صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ" رواه مسلم މާނައީ: "ޢަރަފާތް ދުވަހުގެ ރޯދަޔާއި ބެހޭގޮތުން ތިމަންކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން، އެއީ އެދުވަހުގެ ކުރިޔަށް އޮތް އަހަރުގެ ފާފަޔާއި އަދި އެދުވަހުގެ ފަހުން އަންނަން އޮތް އަހަރުގެ ފާފަތައް ފުހެލާނެ ރޯދައެއްކަމަށް އުއްމީދުކުރައްވަމެވެ."
އާދެ! ނިންމާލުމުގެ ކުރިން އަޅުގަނޑުމެން ހަނދާން ކޮށްލަންޖެހޭ ވަރަށް ބޮޑުކަމެއް އެބައޮތެވެ. އެއީ އަޅުގަނޑުމެންގެ ދީން ﷲ ތަޢާލާވަނީ ފުރިހަމަ ކުރައްވާފައިކަމެވެ. މިދީނަކަށް އުނި އިތުރު ކުރުމެއް ނެތެވެ. އަޅުގަނޑުމެންނަށްޓަކައި މިދީންވަނީ ފުރިހަމަކުރެވި، ލުއި ފަސޭހަ ކުރެއްވިފައެވެ.
ފަހެ ޢުމަރު ބިން ޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ. ތިޔަބައިމީހުންގެ ފޮތުގައި (ޤުރުއާނުގައި) ތިޔަބައިމީހުން ކިޔަވައި އުޅޭ އާޔަތެއް، އެއީ ތިމަންނާމެން ޔަހޫދީންގެ މައްޗަށްވާނަމަ އެދުވަހަކީ ބޮޑުވެގެންވާ ޢީދެއްކަމުގައި ހެދީމުހެވެ. ވިދާޅުވިއެވެ. ކޮން އާޔަތެއް ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ. " الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا(މިއާޔަތެވެ.)" ޢުމަރު ރަޟިޔަﷲ ޢަންހު ދެންނެވިއެވެ. ތިމަންބޭކަލުންނަށް ހަމަކަށަވަރުން ތިޔަދުވަސް އެނގެއެވެ. އަދި އެއާޔަތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވަލެއްވި ތަންވެސް އެނގެއެވެ. އެތަނަކީ ހުކުރު ދުވަހު ޢަރަފާތް ބިމުގައި އެކަލޭގެފާނު ތެދުވެވަޑައިގެން ހުންނަވަނިކޮށެވެ." رواه البخاري
ﷲ ތަޢާލާ މިދުވަހުގެ ހެޔޮކަމުން އަޅަމެންގެ އެކަކުވެސް މަޙްރޫމް ނުކުރައްވާށިއެވެ. އާމީން.
One Response
ވަރަށް ފުރިހަމަ އަސަރުން ފުރިގެންވާ ލިޔުމެއް