އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕާއި އިސް ބޭފުޅުން ހިމެނޭހެން ގިނަ ބަޔަކު ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މިސަރަހައްދަކީ ގްރީން ޒޯން ހިމެނޭ ސަރަހައްދަކަށް ވާއިރު، މިސަރަހައްދަށް މިހާ ގިނަ ބަޔަކު އެއްވުމުގެ ޖާގަ ފުލުހުން ދިން ސަބަބެއް ސާފެއް ނުވެއެވެ. އެއްވި މީހުންގެ ތެރެއިިން ބައެއް މީހުން ފުލުހުން ބާރުގެ ބޭނުންކޮށްގެން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ. މިއެއްވުން އިތުރަށް ގޯސްވެގެން ދިޔައީ ހޯމް މިނިސްޓަރ އިމްރާނާއި، ޕީޖީ ޝަމީމް އަދި އޭޖީ ރިއްފަތު ރައީސް އޮފީހުން ނިކުތް ވަގުތާއި އިދިިކޮޅު މުޒާހަރާގެ ބައިވެރިން ރައީސް އޮފީސް ކައިރިއަށް އެއްވި ވަގުތާއި ދިމާވުމުންނެވެ.
ފުލުނުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ޕްޕާސްރޭ ޖަހައި މީހުން ފަހަތަށް ޖައްސާލަން މަސައްކަތް ކޮށްފައެވެ. އަދި ބައެއް މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އަނިޔާ ލިބުނު މީހުންގެ ތެރޭގައި ނޫސްވެރިންވެސް ހިމެނެއެވެ.
އެއްވި މީހުން ފަތަށް ޖައްސާލަން މިހާރު ގިނަ އަދަދެއްގެ ފުލުނުން ދަނީ ރައީސް އޮފީސް ކައިރިއަށް އައިސްފައެވެ. އިދިކޮޅު ލީޑަރޝިޕުން ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން މިއަދު ޕީޖީ ޝަމީމާއިވެސް ބައްދަލުކޮށްފައެވެ.