އެމްޑީޕީގެ ހުށަހެޅުމަށް ޖާގަ ނުދީ މަޖިލީހުގެ ދައުރު ނިންމާލައިފި

އެމްޑީޕީގެ ހުށަހެޅުމަށް ޖާގަ ނުދީ މަޖިލީހުގެ ދައުރު ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އަލުން އެކުލަވާލާ ނިމެންދެން މަޖިލީހުގެ މި ދައުރު ދަންމާލަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަނެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބޭއްވި އޮތުމަށްފަހު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ބަހުސްކުރުމެވެ. ނަމަވެސް ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި، ވަކި ޕާޓީއަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލްކުރައްވާނެ ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައިކަމަށް މަޖިލީހުގެ އެޖެންޑާގައި ކަނޑައަޅާފައިވެއެވެ.

މިޖަލްސާގައި އޮތީ މިމައްސަލައަށް ހަމައެކަނި ބަހުސް ކުުރުމެވެ. މަޖިލިސް ރައީސް ވަނީ މިމައްސަލާގައި ވާހަކަ ދައްކަވަން އެދުނު ހުރިހާ މެމްބަރުންނަށް ފުރުސަތު ދެއްވުމަށްފަހު ޖަލްސާ ނިންމާވާލައްވާފައެވެ.

ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތަށް ނިމުނީކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިޔަކަންވެސް ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމްސީލުކުރައްވާނެ ގޮތް އަލުން އެކުލަވާލެއްވުމަށް ނިންމެވީ، އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމާއި ގުޅިގެން، މަޖިލިހުގެ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާއި ގުޅިގެންނެވެ.

ކޮމިޓީތަކުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައި އޮތުމުން، ކޮމިޓީތަކުން ނިންމަންޖެހޭ ބައެއް ކަންކަމާއި މުހިއްމު އެހެން ބައެއް މަސައްކަތްތައްވެސް ވަނީ ހުއްޓިފައެވެ. މިގޮތުން މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން އާއްމު ކޮމިޓީން ގޮތްތަކެއް ކަނޑައަޅަންޖެހޭއިރު، އެ ކޮމިޓީ ނުބޭއްވޭތީ އެކަމުގައި ގޮތްތަކެއް ނުނިމި، އިތުބާރު ނެތްކަމުގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ. މަޖިލީހުގައި ދާއިމީ 17 ކޮމިޓީ އޮވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *