ރައްޔިތުންގެ މަޖިލިސް ހުއްފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށާއި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް، ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް ސޯލިހާއި ކުރެއްވި މަޝްވަރާތަކުން އެއްވެސް ހައްލެއް ނުހޯއްދެވުނުކަމަށް ވިދާޅުވެ، މަޖިލިސް ރިޔާސަތުން ތަނާޒުލްވިތާ 2 ހަފްތާފަހުން ނަޝީދު އަނެއްކާވެސް މަޖިލިސް ރިޔާސަތާއި ހަވާލު ވެއްޖެއެވެ.
ނަޝީދު އަލުން މަޖިލިސް ރިޔާސަތަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، މަޖިލިހުގެ 50 މެމްބަރުންގެ ތާއީދާއެކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، މައްސަލައިގެ ނޯޓިސްވެސް ވަނީ ފޮނުވާފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވެފައިވަނީ، އެންމެ ޑިމޮކްރަޓިކް އުސޫލަކީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި އޮތް ވަގުތެއްގައި މަޖިލިސް ރިޔާސަތުން ތަނާޒުލްވެ ހުންނެވުން ކަމުގައެވެ.
މިއަދަށް އެޖެންޑާ ކުރެވުނު ރައްޔިތުންގެ މަޖިލިސް ޖަލްސާގެ ރިޔާސަތަށް ވަޑައިގެން ނަޝީދު ވިދާޅުވެފައިވަނީ ކުރިން އަމިއްލަފުޅަށް ދެއްކެވި އުޒުރުތަކަށްވުރެ މަތީ މަސްލަހަތެއް މިހާރު ހިފަހައްޓަވަން ޖެހިއްޖެ ކަމަށާއި، މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫންކަމުގައެވެ.
އަޅުގަނޑުގެ އުޒުރުތަކަށް ވުރެ މާ މަތީ މަސްލަހަތެއް ހިފަހައްޓަން ޖެހޭ އެއީ ރައްޔިތުންގެ މަސްލަހަތު މުޅި ރާއްޖޭގެ މަސްލަހަތު. މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ މަސްލަހު ހިފެހެއްޓޭނެ ގޮތެއް ނޫން.
މިއަދުގެ ޖަލްސާގެ ރިޔާސަތަށް އަލުން ވަޑައިގެންނެވުމަށްފަހު ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވެފައިވަނީ، މަޖިލިސް ހުއްޓުމަކަށް އައީ މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅުމުން ކަމަށާއި، އެހެންނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތް ޕާޓީން އެހީތެރިކަން ފޯރުކޮށް ދީފައި ނުވާކަމުގައެވެ.
އެހެންކަމުން މަޖިލިސް ކުރިޔަށް ގެންދިއުމަކީ އަމިއްލަފުޅު ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން ހުއްޓިފައި އޮތް ކޮމިޓީތަކުގެ މަސައްކަތް އަލުން ފެށުމަށް ގަސްތުކޮށް ކޮމިޓީތަކުގައި މެމްބަރުން ނިސްބަތްވާނެ މިންވަރު ކަނޑައެޅުމަށް ބަހުސް ކުރުމެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް މުޅިން ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ.
ނަޝީދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވުމަށްފަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބަލަހައްޓަވަމުން ގެންދަވާފައިވަނީ މަޖިލިސް ގަވައިދުގެ ދަށުން ރިޔާސަތު ބެލެހެއްޓުން ނަޝީދު އޭނާ އާއި ހަވާލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ ޖެހިޖެހިގެން ތިން ދުވަސް ވަނީ ވެފައެވެ.
އޭގެ ފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނަޝީދު ކަނޑަައަޅުއްވާފައިނުވުމުން އިއްޔެ އާއި އޭގެ ކުރީދުވަހުވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ