200 ވަނަ މެޗުގައި ގޯލު ޖަހައި ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

200 ވަނަ މެޗުގައި ގޯލު ޖަހައި ރޮނާލްޑޯ ޕޯޗުގަލް މޮޅުކޮށްދީފި

ޤައުމީ ޓީމަށް 200 މެޗު ހަމަކޮށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑު ހެދި މެޗުގައި ލަނޑު ޖަހައި ޓީމަށް މުހިންމު މޮޅެއް ހޯދައިދީފިއެވެ.

ގްރޫޕް ޖޭ ގައި ޕޯޗުގަލް އިން އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ 1-0 އިންނެވެ. މެޗުގައި ރަނގަޅަށް ކުޅުނީ ވެސް ޕޯޗުގަލް އިންނެވެ. އެ ޓީމުން އައިސްލެންޑުގެ ގޯލަށް އަމާޒުކޮށް ތިން ހަމަލާއެއް ފޮނުވާލިއިރު، އައިސްލެންޑަށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ.

ނަމަވެސް މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ޕޯޗުގަލް އަށް މުހިންމު ތިން ޕޮއިންޓު ހޯދައިދީފައެވެ. އެއީ 89 ވަނަ މިނެޓުގައި ގޮންޒާލޯ އިނާސިއޯ ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ރޮނާލްޑޯ ޤައުމީ ޓީމަށް ޖަހައިދިން 123 ވަނަ ލަނޑެކެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮންނަނީ އެނާ އަތުގައެވެ.

އައިސްލެންޑު މެޗުގެ ކުރިން ރޮނާލްޑޯ އަށް ވަނީ ޖީނިއަސް ވޯލްޑް ރެކޯޑުން ޚާއްސަ ޝީލްޑެއް ހަވާލުކޮށްފައެވެ. މީގެ ކުރިން ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުންް ވެސް ރޮނާލްޑޯ އަށް ވަނީ ރެކޯޑު ޝީލްޑު ހަވާލުކޮށްފައެވެ. އައިސްލެންޑު އަތުން ހޯދި މޮޅާއެކު ޕޯޗުގަލް އޮތީ ވެސް ގްރޫޕްގެ އެއް ވަނައިގަ އެވެ. އެއީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ސްލޮވާކިއާ އަށް ލިބެނީ 10 ޕޮއިންޓެވެ.

ކުވެއިތުގެ ބަދޭރު އަލް މުތާވާ، އެ ގައުމުގެ ގައުމީ ޓީމަށް 196 މެޗު ކުޅެދީގެން ހަދާފައިވާ ރެކޯޑް ރޮނާލްޑޯ، 38، މި ވަނީ މުގުރާލައިފައެވެ. ރޭ އައިސްލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެކަން ފާހަގަކުރަން ރޮނާލްޑޯ އަށް ވަނީ ގިނިސް ވޯލްޑް ރެކޯޑްސް އިން ހާއްސަ ސެޓްފިކެޓެއް ވެސް ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *