ދަރުމަވަންތަ ސްކޫލާއި ޞަލާޙުއްދީން ސްކޫލުގެ މަސައްކަތްކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ. މި ދެ ސްކޫލުގެ މަސައްކަތް ނިންމާ މިފެށޭ ދިރާސީ އައު އަހަރު ކިޔަވައިދޭން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކުރާ ޞަލާޙުއްދީން ސްކޫލުގެ ސައިޓަށް ނައިބު ރައީސް ފައިޞަލް ނަސީމް ކުރެއްވި މި ޒިޔާރާތުގައި އެމަނިކުފާނު ވަނީ މި ދެ ސްކޫލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ދެ ސްކޫލުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، ސްކޫލުގެ ވަޞީލަތްތަކާއި ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ.
ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާއި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން މާލޭ ސަރަޙައްދުގައި ޔޫޓިލިޓީގެ ޚިދުމަތްދޭ ބައެއް ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގަތެވެ.
މި ދެ ސްކޫލަކީ ގްރޭޓަރ މާލޭ ސަރަޙައްދުގައި މުޅިން އަލަށް އެންމެ އަވަހަށް ކިޔަވައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަ ދެ ސްކޫލެވެ. ދެ ސްކޫލުގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، މިވަގުތު ކުރިއަށްދަނީ އެތެރޭގައި ކުރަންޖެހޭ މަސައްކަތްތަކެވެ.
ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ސަރުކާރުން ކުރަމުންދަނީ އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެންނެވެ. އެކުންފުންޏާ މި މަސައްކަތް ޙަވާލުކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ޞަލާޙުއްދީން ސްކޫލުގެ މަސައްކަތް ކުރަމުންދަނީ އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްގެންނެވެ. އެ ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
ދަރުމަވަންތަ ސްކޫލާއި ޞަލާޙުއްދީން ސްކޫލުގެ މަސައްކަތްތައް ނިންމާ މިއަހަރުގެ އޮގަސްޓްގައި ފަށާ ދިރާސީ އައު އަހަރާއެކު ސްކޫލްގެ ކިޔެވުން ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި ދެ ސްކޫލަކީވެސް 1000 އާއި 1200 ދެމެދުގެ ކުދިންގެ ޖާގައިގެ ސްކޫލްތަކެކެވެ.
މީގެ ތެރެއިން ދަރުމަވަންތަ ސްކޫލުގެ މަސައްކަތަށް 74.9 މިލިއަން ރުފިޔާ އަދި ޞަލާޙުއްދީން ސްކޫލުގެ މަސައްކަތަށް 118 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.