ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވުމުން، މައްސަލަ ނިމެންދެން މަޖިލީހުގެ ރިޔާސަތުން ނަޝީދު ތަނާޒުލު ވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް ހުށަހަޅުއްވާފައިވަނީ 54 މެމްބަރުންގެ ސޮޔާއެކުއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ 56 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުންނެވެ.
މިމައްސަލާގައި މަޖިލީހުގެ ރައީސް މިއަދު އަމީން އާންމަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމަނިކުފާނު ނިސްބަތްވާ ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ގިނަ މެންބަރުންތަކެއް ސޮއިކުރައްވާ އިތުބާރު ނެތް ކަމުގެ މައްސަލައެއް 07 ޖޫން 2023 ގައި ހުށަހަޅާފައި ވާކަމަށެވެ.
އެމައްސަލައަށް ވަކިގޮތެއް ނިމުމާއި ހަމައަށް، މަޖިލިހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަށް އަޅުގަނޑު އުޒުރުވެރިވަމެވެ. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅުގަޑަށް މި އިހްތިޔާރު ލިބޭކަމުގައި އަޅުގަނޑުދެކެމެވެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކިގޮތެއް ނިންމުމާއި ހަމައަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން އެއްކިބައިވީނަމަވެސް، މަޖލީހުގެ ޤަވާއިދު ބަޔާންކުރާ މިންވަރުގައި، މަޖިލިހުގެ އެންމެހާ ކަންކަން ހިންގުމުގައި ދެމިހުންނާނެ ކަމުގައެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު އަމީން އާންމުގެ މަސްއޫލިއްޔަތު ތަކަށާއި ވާޖިބުތަކަށް ކުޑަކޮށްވެސް ހުރަސްއެޅޭ ބާވަތުގެ އެއްވެސް ކަމެއް ނުކުރާކަމުގެ ޔަގީންކަން ނަޝީދު ވަނީ ދެއްވާފައެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ މަޤާމުން ވަކި ކުރަން މަޖިލީހުން މާދަމާ ބާއްވަން ލާޒިމު ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހެނީ ގަވާއިދުގައިވާ ގޮތުން އެ މަޖިލީހުގެ ރައީސެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް އީވާ ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު މާދަމާ އިއްވަން ޖެހުނު ނަމަވެސް އަދިވެސް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ. އެއީ އެ ޖަލްސާގެ އިންތިޒާމުތައް އާންމު ކޮމެޓީން ކަނޑައަޅަންޖެހޭއިރު އެ ކޮމެޓީ އެކުލަވާލެވިފައި ނުވާތީއެވެ.
ވެރިކަން ހިންގާ އެމްޑީޕީގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމުން ކޮމެޓީތަކުގެ ހަމަ ބަދަލުވެފައިވާ ކަމަށް ބުނެ އަމީން އާންމު ވަނީ އީވާގެ މައްސަލަ އެޖެންޑާ ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް އެމްޑީޕީން ބުނަނީ ދާއިމީ ކޮމެޓީތައް އަބަދުވެސް ދެމި އޮންނާނެ ކަމަށާއި ކޮމެޓީތަކަށް ގޮވާލުމަކީ އަމީން އާންމުގެ މަސްއޫލިއްޔަތެއް ކަމަށެވެ.