ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ޖޫން މަހުގެ 11 އިން 14 އަށް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެ އާއި ސޭޝެލްސްއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގެ ގޮތުން ބައެއް އެއްބަސްވުންތަކުގައި ސޮއެކުރައްވާނެއެވެ.
މިދަތުރުފުޅަކީ ދިވެހި ރާއްޖެއާ ސޭޝެލްސްއާ ދެމެދު އޮތް ގާތްގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. އަދި މިދަތުރުފުޅެ ސަބަބުން ދެޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެއެވެ. ސޭޝެލްސް ރައީސްގެ ދެކަނބަލުން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި، މާލޭގެ ބައެއް ސަރަޙައްދުތަކުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެކަމަށް އެމް.ސީ.އެލްއާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ވިދާޅުވެއެވެ.
އެގޮތުން އަންނަ އާދިއްތަ އިން ބުދަ ދުވަހަށް ސޭޝެލްސްގެ ރައީސް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް، ފަޅަށް ވަދެ ނުކުމެ ހެދުން ސަލާމަތީ ސަބަބުތަކަށްޓަކައި އެކި ވަގުތު ތަކުގައި ބަންދު ކުރެވޭނެއެވެ.
ހަމައެހެންމެ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރު 2 އިން ހަވީރު 4 އަދި 14 ވަނަ ދުވަހުގެ ހަވީރު 5 އިން 6 އަކަށް ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިންޓަރނޭޝަނަލް ޓަރމިނަލް ހިމެނޭ ސަރަޙައްދުން ފެށިގެން ޑޮމެސްޓިކް ޓަރމިނަލް ހިމެނޭ ސަރަޙައްދުގެ މަގު ބަންދުކުރެވޭނެކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއެވެ.
ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.
ކޮމެންޓު ފޮނުވާ