ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 މެމްބަރުންގެ ސޮޔާއެކު މާދަމާ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން ދުރުކުރުމަށް ސޮއި ހަމަކުރަން މިއަދު މެންދުރު ފަށައި މިރެއާ ހަމައަށް 54 ސޮއި ވަނީ ހަމަކޮށްފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގައި ނަޝީދު ނުހިމަނައި 55 މެމްބަރުން ތިއްބަވާއިރު، އެ ޕާޓީގެ ބޭރުން ތިން މެމްބަރަކު ސޮއިކުރެއްވި ކަަމަށް ވެއެވެ. އެއީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއެވެ.
މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅަން ނިންމިކަން އިއުލާނުކުރީ މިއަދު މެންދުރު ބޭއްވި އެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެއީ އެމަނިކުފާނު ގާނޫނު އަސާސީ އާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާތީ ކަމަށް އެމްޑީޕީގެ ޕީޖީން ބުނެއެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅައިފައެވެ. އެ މައްސަލަ މިހާރު ވަނީ އަންނަ އާދިއްތަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ