ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއިން ނަގައިފި

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2023 08:11
0

ޗާގޯސް މައްސަލާގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ވަނިކޮށް، އެ މައްސަލަ އެޖެންޑާއިން ނަގައިފިއެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާފައިވަނީ މިއަދަށެވެ. ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނިކޮށް މައްސަލަ ނެގީ މަޖިލީހުގެ ކޮމިޓީތަކުގެ މެންބަރުން އަލުން އެކުލަވާލުމުގެ މަސައްކަތް ނުނިމޭތީއެވެ. އިދިކޮޅުން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލަ އިޓްލޮސް އިން ނިންމިއިރު ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލައި މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތަކަށް އަދާކުރައްވާފައި ނެތް ކަމަށް ތުހުމަތުކުރުމަށްފަހުއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހުނީ، މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ. އެ މެމްބަރުން މި ވަގުތު ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންގެ ގޮތުގައި ތިއްބެވިއިރު، ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މަޖިލިސް ތަމްސީލު ކުރައްވާ ޕާޓީތަކާ އެކު ނަޝީދު ގެންދަވަނީ މިދިޔަ ހަފްތާއިން ފެށިގެން ކުރައްވަމުންނެވެ.

ޗާގޯސް މައްސަލާގައި ޝާހިދުގެ އިތުރުން، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދައިފައެވެ. ރިފްއަތުގެ މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާކުރި ނަމަވެސް، މަޖިލީހަށް ހާޒިރުވެވަޑައިނުގަނެ، ލިޔުމުން އެކަނި ދިފާއު ފޮނުއްވާފައިވާތީ އުފެދުނު ގާނޫނީ ސުވާލުގެ ތެރޭގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އޭގެ ފަހުން މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އޭޖީ އެދިވަޑައިގެންނެވުމުން، އިއްޔެގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރިއެވެ. އެކަމަކު އިދިކޮޅު މެމްބަރުން އެ މައްސަލަ އަށް ހުރަސްއަޅައި، މަޖިލީހުގެ ނިޒާމު ގެއްލުވާލަން ތަކުރާރުކޮށް މިއަދު ވަނީ މަސައްކަތްކޮށްފައެވެ. އެއާއެކު އެ މައްސަލައިގެ ބަހުސް ވަކި ހިސާބަތަކަށް ގެންދިއުމަށް ފަހު، މެންދުރުގެ ކެއުމަށްފަހު، ނިޒާމު ގެއްލުނުކަމަށް ބުނެ ޖަލްސާ ވަނީ ނިންމާލައިފައެވެ.

މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.