ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމަށް ބޭނުންވާ ލިޔެކިޔުންތައް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އައްޑޫގައި ފުރަތަމަ ހުޅުވި ޝަންގްރިއްލާ ރިސޯޓް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން ގެއްލުމުގައި ހިންގަން ފެށުމުންނެވެ. މިއީ ދިވެހި ސަރުކާރާއި ހޮންކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ރިސޯޓެކެވެ. ޝަންގްރިއްލާ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެއެވެ.
ޝަންގްރިއްލާގައި ހިންގާ އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމެނޭއިރު ސަރުކާރުގެ ހިއްސާ ދެމެހެއްޓުމަކީ ޝަންގްރިއްލާ ފަށަން އޮތް ހުރަހަކަށް ނަހައްދަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ނިމިދިޔަ މާރިޗު މަހުގެ 18 ވަނަ ދުވަހު ހިއްސާ ބަދަލުކުރުމުގެ ލިޔުންތައް ސަރުކާރުން އެފަރާތާ ހިއްސާކޮށްފިން. އެކަން ނިމުމާއެކު ބޭނުންވާ ބަދަލުގެނެވި ޝަންގްރިއްލާ ހުޅުވި ހިނގަން ފަށާނެ.
– ރައީސް ސޯލިހް ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ވަނީ އެންމެ ލަސްވެގެން މިއަހަރުގެ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އައްޑޫގައި ހުޅުވި ފުރަތަމަ ރިސޯޓު ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑުން ލިބުނު ގެއްލުމުން އަރައި ނުގަނެވިގެން ކަމަށް ބުނި އޮގަސްޓު 20، 2020 ގައެވެ. ގެއްލުމުގައި ހިންގަމުން އައި ކަމަށް ބުނާ އެ ރިސޯޓުގެ ހިދުމަތްތައް ހުއްޓާލުމާ އެކު، 500 މީހުންގެ ވަޒީފާ ގެއްލިގެން ދިޔައެވެ.
ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އެ ރިސޯޓުގައި 284 ކޮޓަރި ހެދިއެވެ. އެ ރިސޯޓު ހުޅުވެން އޮތީ އެ ރިސޯޓު ތަރައްގީކުރި އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގައި އޮތް ސަރުކާރުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިގެންނެވެ.