ފައިހްއަށް ހިމާޔަތް ދިން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ފައިހްއަށް ހިމާޔަތް ދިން ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްފި

Author
ހުސެއިން
31 މެއި 2023 07:23
0

ތޫނު ހަތިޔާރުގެ ބޭނުން ކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ފުލުހުން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންނާއި ހަވާލުވި ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމް ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ލ. ގަން، ތުނޑި، ނެވަރކޯން، ޢަބްދުﷲ ޖުނައިދު އާއި، ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުޙައްމަދު ޝަބީބްގެ މައްޗަށެވެ.

އެ ދެމީހުންގެ މައްޗަށްވެސް ދައުވާ ކުރަނީ، ކުށެއް ކޮށްފައިވާ މީހަކު ހައްޔަރު ކުރިޔަ ނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

މީގެ އިތުރުން ފައިހުގެ މައްޗަށް ވަނީ 3 ދައުވާއެއް އުފުލާފައެވެ. އެއީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ގައިގައި އަތްލުމުގެ ދައުވާއެވެ. މިތިން ދައުވާގެ ޝަރީއަތް އިއްޔެ ވަނީ ފަށައިފައެވެ.

ފައިހު ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްގައިވަނީ ފާއިތުވު ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. އޭނާ ފުލުހުންނާއި ހަވާލުވެފައިވަނީ ހޯދަން އިއުލާން ކުރިތާ މަސްދުވަސް ފަހުންނެވެ.

ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ މި އަހަރުގެ ޖަނަވަރީ 14 ވަނަ ދުވަހުގެ 00:35 ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.