ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުންބޭރުގައި އެތުލެޓިކޯ މެޑްރިޑާ 1-1 އިން އެއްވަރުވެ އެންމެ ބަޔާން މިއުނިކުން މި މުބާރާތުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް 15 މެޗަށް ފަހު ނިމުމެއް އަތުވެއްޖެ އެވެ. މި 15 މެޗުގައި ބަޔާން އިންވަނީ 46 ލަނޑުޖަހާފައެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ޔާއޯ ފެލިކްސް އެވެ. އަނިޔާގެ ސަބަބުން އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ ނުކުޅޭއިރު، ކޮވިޑް-19 އިން ރަނގަޅުނުވާތީ ލުއިސް ސުއަރޭޒް ވެސް ހުރީ ޓީމާ ދުރުގަ އެވެ.
އެތުލެޓިކޯ މޮޅުވާން ދަނިކޮށް މެޗުގެ ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ބަޔާނަށް އެއްވަރުކޮށްދިނީ ތޯމަސް މުލާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ ބަޔާންގެ ކޯޗު ހެންސީ ފްލިކްއަށް ޔޫރަޕުގައި މޮޅެއް ނުހޯދިދިޔަ ފުރަތަމަ ފަހަރުއެވެ.
މިދިިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާނުން އުފުލާލީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ ބަޔާން ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެ ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ.
ތިން ވަނައިގައި އޮތީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އަތުން ރޭ 2-1 އިން މޮޅުވި އޮސްޓްރިއާގެ ޗެމްޕިއަން ސަލްޒްބާގް އެވެ. އެ ޓީމު ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތަރު ޕޮއިންޓާ އެވެ. ލޮކޮމޯޓިވް އެންމެ ފުލުގައި އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ އަނެއް ބުރުން އެތުލެޓިކޯ ފުރުސަތު ހޯދަން ފަހު މެޗުން ރަށުންބޭރުގައި ސަލްޒްބާގް އަތުން ބޭނުންވަނީ ޕޮއިންޓެކެވެ. އެ މެޗުން މޮޅުވެގެން ސަލްޒްބާގަށް އަނެއް ބުރުގެ ޖާގަ ހޯދޭނެ އެވެ.