ފަތުރުވެރިކަން ފުޅާކޮށް އިތުރު ވަޒީފާގެ ފުރުސަތު ތަނަވަސް ކުރުމަށްޓަކައި، ފ.ނިލަންދޫ ފަޅުގައި ދެރަށް ހިއްކައިގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެންވިދާޅުވީ ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަފުޅުގައެވެ. ރިޔާސީ އިންތިޚާބަށް 3 މަހަށް ވެފައި ވަނިކޮށް ރައީސް ޞާލިހު ނިލަންދޫއަށް ވަޑައިގެން ވަނީ އެރަށުގެ ރައްޔިތުންނަށް އިތުރު ވައުދުތަކެއް ވެވަޑައިގެންފައެވެ.
ނިލަންދޫގެ ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ވަނީ އެރަށުގެ ފެނުގެ ނިޒާމް އަޕްގްރޭޑްކުރުންވެސް ކުރިއަށް ދާނެކަމަށް ވިވާޅުވެފައެވެ. އެމަނިކުފާނު ވަނީ ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ތަރައްޤީކުރުންވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ނިލަންދޫގެ ފަޅުން ދެ ރަށް ހިކައި ޓޫރިޒަމަށް ހުޅުވާލައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީފާ އުފެއްދުމަށް ޓޫރިޒަމް ފުޅާކުރަންޖެހޭ. އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ.
– ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިލަންދޫގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރައްވަން ހުރިކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ނިލަންދޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަންކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދަތިކަން ހައްލުކޮށްދެވުމަށް ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ހަދަން ކޮންޓްރެކްޓްކޮށްފައިވާކަމަށެވެ. އެ މަޝްރޫޢުއާއެކު ރަށްގިރުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ ގޮނޑުދޮށް ޚިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ބޮޑު ބަދަލެއް ނިލަންދޫން ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަން ޤާއިމްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. ރައީސްގެ ވާހަކަފުޅުގައި މި ދައުރު ނިމުމަކާއި ހަމައަށް އާއިރު ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދާއި އެއްގޮތަށް ގިނަ ކަންކަން ފުރިހަމަކޮށްދެވިފައިވާކަމަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ