ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ އެކީގައި މަސައްކަތް ކުރުމަށް، އޮތް ހުރަކަށް ވެގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ވެރިކަން ކުރާ ރަށް ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިިތުންނާއި ބައްދަލު ކުރައްވައި ދެކެވި ވާހަކަފުޅުގައެވެ. ރައީސް ޞާލިހު މިފަދައިިން ވިދާޅުވިއިރު، އެމަނިކުފާނާއި އެންމެ ގާތް އެކުވެރިޔާ ރައީސް މުހައްމަދު ނަޝީދާއި، ސިޔާސީ ޚިޔާލު ތަފާތުވުން ބޮޑުވެ އެކީގައި މަސައްކަތް ނުކުރެވޭ ވަރަށް ވަނީ ދުރުވެފައެވެ.
ރައީސް ޞާލިހު ވިދާޅުވީ ސިޔާސީ މަސައްކަތަކީ ރައްޔިތުންނަށް ޚިދުމަތް ކުރުންކަމަށެވެ. އެމަަސައްކަތުގައި ސިޔާސީ ގޮތުން ކުރެވޭ ކަންކަމުގައި އަދި ސިޔާސަތުތަކަށް ފާޑުކިޔައި ހިންހަމަނުޖެހޭ ބަޔަކު އުޅުނު ނަމަވެސް އެކީގައި ވާހަކަ ދައްކައި، މަޝްވަރާ ކުރެވި ކަންކަމުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމުގައި ހަމަޖެހުމާއި ސުލްހައެއް ނެތް ކަމަށެވެ. އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ވެރިކަމާއި ހަވާލުވެ އެންމެ އިސްކަން ދެއްކީ ޤައުމުގެ ހަމަޖެހުން ގާއިމްކޮށް، ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކަމަށާއި އެކަން މިއަދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ކުރިއަށް ވެސް ކަންކަން އެބަހުރި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެންމެން އެކީގައި މަސައްކަތް ކުރުން ކަމަށެވެ.
އެންމެން އެކީގައި އުޅެވޭނެ ގޮތެއް ހެދުން، ސިޔާސީ ވިސްނުން ތަފާތު ވިޔަސް އެކުގައި އުޅެވޭނެ ގޮތެއް ހޯދަން.
– ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަތޮޅު ތެރޭގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އަސާސީ އިންސާނީ ހައްގުތައް ކަށަވަރުވާންޖެހޭކަމަށެވެ. އެކަން ކަށަވަރު ކުރުމަށް ވީ ވައުދާއި އެއްގޮތަށް ކޮންމެ ރަށެއްގައިވެސް އަސާސީ ޚިދުމަތްތައް މިހާރު ކަށަވަރު ކޮށްދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ތަނެއްގައި ދިރިއުޅޭ ކަމަށް ވަންޏާ ކޮންމެހެން ފޯރުކޮށްދޭން ޖެހޭ ކަންކަން އެބަހުރި، ތައުލީމު ލިބެން އެބަ ޖެހޭ ދަރިންނަށް، ސިއްހީ ހިދުމަތް ލިބެން ޖެހޭ، ދަތުރުފަތުރު ކުރެވޭނެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ، އުންމީދެއް އެބަ ހޯދައިދޭން ޖެހޭ.
– ރައީސް ވިދާޅުވިއެވެ.
President @ibusolih met with the residential community on F. Nilandhoo Island this morning and held an engaging discussion about ways to address their concerns and implement the administration’s developmental plans. pic.twitter.com/WTfT4Hckmh
— The President's Office (@presidencymv) May 27, 2023
މިއަދު ހެނދުނު ރައީސްގެ ދެކަނބަލުން ނިލަންދުއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ރައީސްގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވުމަށް ގިނަ ރައްޔިތުންތަކެއް ބަނދަރު ސަރަޙައްދަށް ގޮސްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ފ. ދަރަނބޫދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު މަގޫދޫއަށް ވަޑައިގަންނަވާނެއެވެ. އަދި މާދަމާ ބިލެތްދޫއަށާއި ފީއައްޔަށް ވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ