މީހުން މަރަން އުޅުމުގެ ތުހުމަތު މީހުންގެބޮލުގައި ފަސޭހަ ފަސޭހައިން އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބައިވެރިވުމެއް އޮތް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ތުހުމަތާއި، އަދި މަޖިލީހުގެ ބައެއް މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ އެއްވެސް މީހެއްގެ ބޮލުގައި އަނެކާ މަރާލަން އުޅުނު ކަމުގެ ތުހުމަތު ފާޅުކަން ބޮޑުކޮށް އެޅުމަކީ ކުރެވިގެން ވާނެކަމެއް ނޫންކަމަށެވެ. އެއީ އެމީހަކު ޝާމިލުނުވާ، އަދި ބައިވެރިވުމެއް ނެތްކަމަށްވާނަމަ އެއައިރަގަނެވެނީ އަނެކާގެ އަބުރަށް ކަމަށް ޒައިދު ވިދާޅުވިއެވެ. އަދި މިފަދަ ދޮގު އިލްޒާމުތައް މީހުންގެ ބޮލުގައި އަޅުވާ މީހުންނާއިމެދު ހަރުކަށި އަދަބު ދޭންޖެހޭކަމަށްވެސް ޝައިޚު ޒައިދު ވިދާޅުވިއެވެ.
މީހުން މަރަން އުޅުމުގެ ތުހުމަތު މީހުންގެބޮލުގައި ފަސޭހަ ފަސޭހައިން އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއްނޫން! އެބުނެވެނީ ވަރަށް ބޮޑުވާހަކައެއް! އެވާހަކައެއް އެއީ ދޮގެއްނަމަ އެއަރައިގަނެވެނީ ނުޙައްޤުން އަނެކާގެއަބުރާ ޢިއްޒަތަށް! އެފަދަ ދޮގުވެރިންނަށް ފިޔަވަޅު އެޅިގެންނޫނީ ރަނގަޅެއް ނާންނާނެ!
– ޝައިޚު ޒައިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބައިވެރިވުމެއް އޮތް ކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އެކުލަވާލި ރިޕޯޓުގައި ނެތް ކަމަށް އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.
ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދިނީ ގ. ކެނެރީގެ ކައިރިންނެވެ. ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދިނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާއެވެ.
ކޮމެންޓު ފޮނުވާ