11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އިދިކޮޅު ޕީޕީއެމްގެ ރައީސް ޔާމިން މިނިވަންކުރުމަށް ޕީޕީއެމްގެ ލީޑަރޝިޕުން ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތަކުން އެކަށީގެންވާ ނަތީޖާއެއް ނިކުންނަމުން ނުދާތީ ޕީޕީއެމްގެ ސެނެޓްގެ ބައެއް މެމްބަރުންނާ އިސް ބައެއް ފަރާތްތަކުން ނުރުހުން ފާޅު ކޮށްފިއެވެ.
"ޚަބަރު އޮންލައިން"އަށް އިދިކޮޅު ޕީޕީއެމް އިސް ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ޕީޕީއެމް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި އެންމެ ބޮޑު ހިންހަމަ ނުޖެހުމެއް އުފެއްދިފައި ވަނީ ފާއިތުވި މޭމަހުގެ 3 ވަނަ ދުވަހު، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ އިސް ދެބޭފުޅުން ކަމަށްވާ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފްއާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައދުީ ރައީސް ޔާމިން މިނިވަންކުރުމުގެ ނަމުގައި ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅާއި ގުޅޭ ސާފު މައުލޫމާތު ޕީޕީއެމްގެ ސެނެޓާއި އަދި އޭގެ އިތުރުން އިސްބައެއް ފަރާތްތަކާއި ހިއްސާ ކޮށްފައި ނުވާތީއެވެ.
ޕީޕީއެމްގެ ސެނެޓް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި، އާދަމް ޝަރީފްއާއި ސައީދު ސްރީ ލަންކާއަށް ކުރެއްވި މި ދަތުރުގައި ބައެއް ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި ބައްދަލުކުރައްވާ، ރައީސް ޔާމިން މިނިވަންކުރުމުގެ ވާހައަށްވުރެ ބޮޑަށް ބާރު އަޅުއްވާފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަށް ހެއްދުމަށް ބޭރުގެ ފަރާތަކުގެ އެހީތެރިކަން ހޯއްދެވުމަށެވެ.
ދެބޭފުޅުން ކުރެއްވި މި ދަތުރުގެ ފުރިހަމަ މައުލޫމާތު ސެނެޓާއި ހިއްސާ ކުރައްވާފައެއް ނުވޭ. އަދި ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރައީސް ޔާމިނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ހާލަތުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނޭ ކެނޑިޑޭޓަކު ހުންނާނެކަމަށްވެސް ދެބޭފުޅުން ޑިޕްލޮމެޓިކް މިޝަންތަކަށް މައުލޫމާތު ދެއްވާފައިވޭ.
"ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރެއްވި އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވެފައި ވެއެވެ.
ޕީޕީއެމްގެ ސެނެޓްގައި ތިއްބަވާ ބައެއް ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި، ރައީސް ޔާމިން މިނިވަން ކުރުމުގެ ނަމުގައި އެޕާޓީގެ އިސްބައެއް ފަރާތްތަކުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގައި، އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ގެންދަވަނީ ކުރިއަރުވަމުންނެވެ. އަދި އެއީ ރައީސް ޔާމިންއަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަމަށް ބަލާ، ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަމިއްޅަފުޅަށް ތަނަވަސް ކުރެއްވުމުގެ މަގުސަދުގައި ކުރައްވާ މަސައްކަތެއްގެ ގޮތުގައިވެސް ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން މިކަން ސިފަ ކުރެއެވެ.
ރައީސް ޔާމިން މިނިވަން ކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުން އެއްވެސް ނަތީޖާއެއް މިހާތަނަށް ނިކުމެފައި ނުވާކަމުގެ ޝަކުވާ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުންދާއިރު، ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކުން މިހާތަނަށް ބަޔާނެއްވެސް ނެރެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް ޔާމިންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތާއި ގުޅޭގޮތުން ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް ކަންބޮޑުވުމެއްވެސް ފާޅުކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމްއިން ސްރީ ލަންކާގެ ޑިޕްލޮމެޓިކް މިޝަންތަކާއި ބައްދަލު ކުރުމުގެ ފުރުސަތު ހޯއްދަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އެހީތެރިކަމާއެެކުއެވެ.
One Response
ޕީޕީއެމް ނަޝީދުއާ ޙަވާލު ނުކުރާނެބާ?