އިންޑިއާ އެމްބަސީގައި ހުޅު ޖަހަން ގޮވާލި މައްސަލައާއި ކްލަބްހައުސްގައި ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވާ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަންގާފައިވާތީ، އޭނާ ހޯދާކަން ފުލުހުން އަންގައިފިއެވެ.
ޢައްބާސް ޢާދިލް ރިޟާ ހޯދަމުންދަނީ ދައުލަތުން ދަޢުވާކުރާ ފަނާކޮށްފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 23 މެއި 2023 ވަނަ ދުވަހު 14:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މެލޭޝިއާގައިި ހުންނަ ދިވެހި އެމްބަސީގައި އިސް މަޤާމެއް މިދިޔަ ސަރުކާރުގައި އަދާކޮށްފައިވާ އައްބާސް އާދިލް ރިޟާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވަނީ ވިދާޅުވެފައެވެ.
އަދި 23 ޑިސެންބަރު 2022 ދުވަހު ޢައްބާސް ޢާދިލް ރިޟާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާކަމަށްވެސް އައްބާސްގެ މައްޗަށް އުފުލި ދަޢުވާގައިވެއެވެ.
ޢައްބާސް ޢާދިލް ރިޟާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ