ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އިތުރު މެމްބަރުން ސޮއިކުރަން ބޭނުންވާތީ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.
ޝާހިދުގެ މައްްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް، އެމްއެންޕީ، ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ސޮޔާ އެކުއެވެ. ޝާހިދުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވިއިރު ވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ނުކުރާ ކަމަށްވެއެވެ. ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ސޮއި ނުކުރައްވާ ވަކި ސަބަބެއް އެނގިފައެއް ނުވެއެވެ.
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހިދުގެ މައްސަލަ "ނެގީކީ ނޫން" ކަމަށެވެ. އިތުރު މެމްބަރުން ސޮއިކުރަން ބޭނުންވާތީ އެ އިންތިޒާމު ހަމަޖެއްސުމަށް މައްސަލަ އަނބުރާ ގެންދެވީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހަފްތާގެ މަޖިލިސް ހުޅުވާ ދުވަހު "ބުރާސްފަތި ދުވަހު [އަލުން] ހުށަހަޅާނަން،" އޭނާ ވިދާޅުވިއެވެ.
ބަންޑާރަނައިބް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅުމަށްފަހު ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަދުވެގެން 10 މެންބަރުންގެ ސޮއިއާއެކުއެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހުގެ 43 މެމްބަރުންގެ އަޤްލަބިއްޔަތު ބޭނުންވާއިރު އިދިކޮޅު ފަރާތްތަކަށް އޮތީ 29 މެންބަރުންގެ ތާއީދެވެ.
ކޮމެންޓު ފޮނުވާ