ބަންޑާރަނައިބް އިސްކުރަނީ ޤައުމީ މަސްލަހަތު، ފުރިހަމަ އިތުބާރު އެބައޮތް: އެމްޑީޕީ

ބަންޑާރަނައިބް އިސްކުރަނީ ޤައުމީ މަސްލަހަތު، ފުރިހަމަ އިތުބާރު އެބައޮތް: އެމްޑީޕީ

Author
މުޙައްމަދު ޝަޒައިމް
11 މެއި 2023 10:42
0

ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށްވެސް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަމުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެޕާޓީން ގަބޫލުކުރާކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއްކަމަށް ވަނީ ބުނެފައެވެ.

ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރައްވާފައި ވަނީ ތައުރީފް ހައްގު ޒިންމާދާރު މަސައްކަތްތަކެއް. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު. ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ފުރިހަމަ އިތުބާރު އެބައޮތް.

– އެމްޑީޕީން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގެން އެ ޖަރީޒާތަކާއި ރާއްޖެއާ ދެެމެދު ކަނޑުގެ ސަރަހައްދީ ރޮނގު ބެހުމުގައި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލި ކަމަށް ކުރާ ތުހުމަތުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގަން މަޖިލީހަށް ހުށަހަޅައިފައިވަނީ 15 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ. އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅެނީ 10 މެންބަރުންގެ ސޮއިންނެވެ. ފާސްވުމަށް މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި ވޯޓު ބޭނުން ވެ އެވެ. އެއީ 43 ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.