ބުސްކެޓު 18 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަނީ

ބުސްކެޓު 18 އަހަރަށް ފަހު ބާސެލޯނާ ދޫކޮށްލަނީ

Author
މުޙައްމަދު ޝަޒައިމް
11 މެއި 2023 08:08
0

ބާސެލޯނާގައި 18 އަހަރު ހޭދަކުރުމަށް ފަހު ސާޖިއޯ ބުސްކެޓްސް އެ ކްލަބް ދޫކޮށްލަން ނިންމައިފިއެވެ.

ބާސެލޯނާގެ ކެޕްޓަންކަން ވެސް އަދާކުރަމުންދާ ބުސްކެޓްސް ،34، ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 8 ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި ވެސް ބާސާ އިން ވަނީ ލީގު ހޯދުމާ ގާތަށް މިހާރު ޖެހިލައިފައެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ ސީނިއާ ޓީމުން 2008 ވަނަ އަހަރު ޖާގަ ހޯދި ބުސްކެޓްސް ވަނީ މިހާތަނަށް ބާސެލޯނާ އަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީފައެވެ. ފާއިތުވި އަހަރުތަކުގައި ބުސްކެޓްސް އަކީ ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ލީޑަރެއްގެ ރޯލުގައި ފެނިގެންދިޔައީ ބުސްކެޓްސްއެވެ.

ބާސެލޯނާގެ ދަނޑާއި މި ޖާޒީގައި ކުޅެން އަހަރެން އަބަދުވެސް ހުވަފެން ދެކުނިން. އެކަމަކު ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނާނެ. ގިނަ އަހަރުތަކެއް ވަންދެން މި ޓީމު ތަމްސީލު ކުރެވުމަކީ އަހަރެންނަށް ލިބުނު ފަހުރެއް. ބުސްކެޓްސް ބުންޏެވެ.

ބާސެލޯނާ ދޫކޮށްލުމަށް ފަހު ބުސްކެޓްސް ދެން ކުޅޭނެ ކްލަބެއް އަދި އިއުލާނު ނުކުރިޔަސް، އޭނާ ސަައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.

މި ސީޒަނަށް ފަހު ވެސް ބުސްކެޓްސް، ބާސެލޯނާގައި މަޑުކުރަން އެ ޓީމުން ބޭނުންވާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު، މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ބުސްކެޓްސް ކަމަށް ޒަވީ ވެސް ވަނީ ބުނެފައެވެ.

ސްޕެއިންގެ ގައުމީ ޓީމުން ބުސްކެޓްސް ރިޓަޔާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ގައުމީ ޓީމާ އެކު ބުސްކެޓްސް ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.