ކޮންމެ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަހެއް: މައުމޫން

ކޮންމެ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަހެއް: މައުމޫން

Author
މުޙައްމަދު ޝަޒައިމް
10 މެއި 2023 09:09
0

އަހަރުގެ ކޮންމެ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަހެއް ކަމުގައި އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަތުގައި ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ ކުޑަކުދިންނަށް ފޮނުވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކުޑަކުދިންގެ ދުވަހެއްގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރާއިރު ހަދާނުގައި ބަހައްޓަންވީ ކޮންމެ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަހެއް ކަމަށެވެ.

ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ހައްގުތަކާއި، ހިމާޔަތާއި، ރައްކަތެރިކަން ފޯރުކޮށް ދިނުމަކީ ކޮންމެ ދުވަހަކު ކުރަންޖެހޭ މުހިންމު ކަމެއްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ ލޮބުވެތި ކުޑަކުދިންނަށް ނުހަނު ލޯތްބާއެކު ފޮނުވަން. ޙަޤީޤަތުގައި އަހަރުގެ ހުރިހާ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަސްތަކެއް. ދުނިޔޭގެ ހުރިހާ ކުޑަކުދިންވެސް މިހެޔޮއެދުމުގައި ޝާމިލުކުރަން.

– ރައީސް މައުމޫން ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަމުންދާއިރު، ރާއްޖޭގައި މިފަހުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި، މައްސަލަތައް ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ކުޑަކުދިންނަށް އަޅާނުލުމާއި، ދޭންޖެހޭ ރައްކާތެރިކަން އެކަށީގެންވާ ގޮތަށް ފޯރުކޮށް ނުދޭ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

ކުޑަކުދިންނަށް ކުރާ އެކި އަނިޔާތަކާއި، ގެއްލުންތަކާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލާއިރު، ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ހަރުކަށި އަދަބު ލިބިދެވޭ ގޮތަށް ޤާނޫނަށް ވަނީ އިސްލާހުވެސް ގެނެސްފައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުންފަދަ ކުށްތަކީ ބޮޑެތި ހުކުމްތައް އަންނަ ކުށްތަކެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.