މި މަހު 11 އާއި 12 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ "އެފްރިކަން ވިމެން ސަމިޓް-23″ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ރޭ ފުރާވަޑައިގެންފިއެވެ.
މާރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދުއެވެ.
މި ދަތުރުފުޅުގައި މާރިޔާގެ އަރިހުގައި ރާއްޖެއިން ސްރީލަންކާއަށްކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.
މާރިޔާގެ މި ދަތުރުފުޅަކީ ފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ލިބިވަޑައިގެންނެވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މާރިޔާގެ އަރިހުގައި ދަތުރުކުރައްވާ ދެ ބޭފުޅުންގެ ދަތުރުގެ ޚަރަދު ފިޔަވައި އެހެން ޚަރަދުތައް ހަމަޖައްސާފައިވަނީ ސަމިޓް އޯގަނައިސް ކުރާ ފަރާތުންނެވެ.
މި ސަމިޓަކީ އެފްރިކާ ބައްރަށް އަމާޒުކޮށް އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އިޖުތިމާއީ، ސިޔާސީ އަދި އިޖުތިމާއީ އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ސަމިޓެކެވެ. މި ސަމިޓުގައި އެފްރިކާ ބައްރުގައި ނުހިމެނޭ، ފާހަގަކޮށްލެވޭ އެހެން ފަރާތްތަކުންވެސް ތަގުރީރު ކުރުމަށް ހަމަޖެހިފައި ވެއެވެ.
މި ސަމިޓްގެ ކީ ނޯޓް ސްޕީކަރެއްގެ ގޮތުން ތަގިރީރު ކުރެއްވުމުގެ އިތުރުން ސަމިޓްގެ އެކި ޕެނަލް ޑިސްކަޝަންތަކުގައިވެސް މާރިޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ