ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު އިގުތިސާދު ކުރިއަރާ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިއަދު އާންމުކުރި މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އެޕްރީލް 2023ގައި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އިގުތިސާދު ވަރުގަދަކޮށް އޮންނާނެ ކަމަށް ބުނެފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ކުރިއެރުން ލަފާކުރި މިންވަރަށް ކުޑަކޮށް ދަށްވި ނަމަވެސް، ދެކުނު އޭޝިއާގެ އިގްތިސާދުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިސާދަކީ ރާއްޖޭގެ އިގްތިސާތުކަމަށް އެމްޑީޔޫގައި ވަނީ ބުނެފައެވެ.
އެމްޑީޔޫ ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރަނގަޅު މާލީ ސިޔާސަތެއް އެކުލަވާލުމާ ބެހޭ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ނައިބު މަރިޔަމް މަނަރަތު ވަނީ ސަރުކާރުގެ ހަރުދަނާ މާލީ އިސްލާހީ ސިޔާސަތުތަކަށް އަލިއަޅުވާލައްވާފައެވެ. މާލީ ދެމެހެއްޓެނިވިކަން ހޯދުމަށްޓަކައި މި އިސްލާހުތަކުގެ ތެރެއިން މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރުގެ ނައިބު ދެއްވިއެވެ.
އަދި އުތުރުގެ އިހަވަންދޫ ބަނދަރާއި، އައްޑޫގައި ކުރިއަށް ގެންދާ ހަންކެޑޭގައި އިންޓެގްރޭޓެޑް ޓޫރިޒަމް މަޝްރޫއާއި، ރައްތަށް ގުޅުވާލުމަށް އިންވެސްޓްކުރުމާއި، ހަމަހަމަ ކުރިއެރުމަށް ބޭނުންވާ އެހެނިހެން އިންފްރާސްޓްރަކްޗަރ ފަދަ އިގްތިސާދު ބަދަލުކުރެވޭނެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލެއްވިއެވެ.
މަނަރަތު ވިދާޅުވީ މިކަންކަން ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓްތަކަށް ނިސްބަތްކޮށް މި ސަރަހައްދުގައި އެންމެ އަވަހަށް ކުރިއަރަމުން އަންނަ އިގްތިސާދަކަށް ދިވެހިރާއްޖެ ވާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ބަލަނީ، މި ފައިދާހުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން އަޅުގަނޑުމެންގެ އިޤްތިޞާދުގެ ސައިޒު ދެގުނައަށް އިތުރުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުނ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރޫވަޝް އާދަމް ވަނީ މެދުރާސްތާގެ އާމްދަނީގެ ސްޓްރެޓެޖީ އާއި އާސަންދައިން ކުރާ ހަރަދުތަކަށް ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި، ޓެކްސްގެ އަސާސް ފުޅާކުރުމުގެ މަސައްކަތްތައް ކިޔައިދީފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރެވެނިއު ސައިޑް ކޮންސޮލިޑޭޝަން ޓާގެޓަކީ ފުރަތަމަ 3 އިންސައްތަ ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ ޕާފޯމަންސް ލަފާކުރި ވަރަށް ވުރެ ވަރުގަދަ ކަމުން ރާއްޖެއިން ލަފާކުރާ ގޮތުގައި އެ އަދަދު އިތުރުވެ، ސަބްސިޑީގެ ހަރަދުތަކުގެ އިސްލާހުތައް ލަސްވި ނަމަވެސް ފަރަގު ކުޑަވާނެ ކަމަށެވެ.
އަދި ކުރިއަށް އޮތްތަނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކާއެކު އަންނަ މާލީ ވައުދުތަކާ ކުރިމަތިލާން ރަނގަޅަށް ތައްޔާރުވެފައިވާކަން ކަށަވަރުކުރުމަށްޓަކައި އިންވެސްޓްމަންޓްތަކުގެ ތެރެއިން މިއަދު އިގްތިސާދު ހަރުދަނާކުރަންޖެހޭ ތަންތަނުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ.