ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް ބޮޑުކުރުމަށް ހަމަޖެހިފައިވަކަމަށާއި، ނަމަވެސް އެލަވެންސް ބޮޑުކުރެވޭނެ ތާރީހެއް ދަންނަވަން ނޭގޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ރާއްޖޭގެ އާބާދީގައި ތިބި ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ވަނީ ނިންމަވާފައެވެ. މިކަން ކުރުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނެކަމަށެވެ.
މިކަމާއި ގުޅޭގޮތުން މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު މިއުވާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވެންސް ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެލަވެންސް ބޮޑު ކުރަން ނިންމާފައިވަނީ ކިހާތާކުކަމެއް ވިދާޅެއް ނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރެއް ވަނީ އެކުލަވާލަފައެވެ. މި ދަފްތަރުގައި 10000 އަށްވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މިކަމަކީވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީތެރިކަމުގެ ނިޒާމު ހަރުދަނާކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށްގެން އެހީދިނުމަށް ފެއްޓެވި މަސައްކަތެވެ.
މި ދަފްތަރުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވާ، ހުރި ނުކުޅެދުންތެރިކަމާއި ގުޅިގެން އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، އިބަމަ އަދި އެފް.ސީ.އެސް.ސީ ފަދަ ދައުލަތުގެ އިޖްތިމާޢީ އެކިއެކި ޚިދުމަތްތައް ދޭ ފަރާތްތަކަށް މަގުފަހިވެގެންދާނެއެވެ.
އެންސްޕާއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ މާލީ އެހީއަށް ދެން އެދެވޭނީ "ނޭޝަނަލް ޑިސްއެބިލިޓީ ރެޖިސްޓްރީގެ" ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ކަމަށް ކަނޑައަޅާފައެވެ.
One Response
ތީގެެންް ސާފުއެއްޗަކީީ ރައްޔިތުންނައްް ބެލުމެއްބެތިި އަމިއްލަަ އަންބޮޑިި އައްއެޅުމޭޭ ނިޔަތޚީި