ޤައުމީ ބޮޑީބިލްޑިން މުބާރާތް އަންނަ މާޗުމަހު

ޤައުމީ ބޮޑީބިލްޑިން މުބާރާތް އަންނަ މާޗުމަހު

Author
އިބްރާހީމް ސާޢިދު
30 ނޮވެމްބަރ 2020 06:13
0

19 ވަނަ ގައުމީ ބޮޑީބިލްޑިންގ މުބާރާތް (މިސްޓަ މޯލްޑިވްސް) އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ން ނިންމައިފިއެވެ.

މި އަހަރު ގައުމީ ބޮޑީބިލްޑިންގ މުބާރާތް ބާއްވާފައެއް ނުވެއެވެ. މި އަހަރުގެ މުބާރާތް ޖުލައި މަހު ބާއްވަން ތާވަލުކުރި ނަމަވެސް، މުބާރާތް ނުބާއްވަން ބީބީއޭއެމުން އެ ފަހަރު ނިންމީ ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގައި އާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކުގެ އިތުރުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެންނެވެ. މި އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ގައުމީ ބޮޑީބިލްޑިންގ ޓީމުގެ ސްކޮޑް އެކުލަވާލުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއެވެ. އެހެންކަމުން ގައުމީ ބޮޑީބިލްޑިންގ ޓީމުގެ ސްކޮޑް އެކުލަވާލުން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހަށެވެ.

އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު މިދިޔަ އަހަރު ލިބުނުއިރު، ޖުމްލަ 400 އެތުލީޓުންނާއެކު އެ މުބާރާތް ބާއްވަން ނިންމާފައިވަނީ ކ. މާފުށީގައެވެ. ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވަން ހަމަޖެހިފައި އޮތް 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން މި މުބާރާތް ދެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެކަކުން ހަތްވަނަ ދުވަހަށް ތވާލުކޮށް ބޭއްވުމަށެވެ.

ގައުމީ ބޮޑީބިލްޑިންގ މުބާރާތް އަންނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ބީބީއޭއެމުން މިހާރު ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.