މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ތަރައްޤީކޮށްފައިވާ ފްލެޓްތައް މިމަސްހުގެ ނިޔަލަށް ނިންމައި ހަވާލުކުރާނެކަމަށް ބުނި ނަމަވެސް، މަސް ނިމިގެންދިޔަ އިރުވެސް އެކަން ނުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މާޗްމަހުގެ ތެރޭގައި ވިދާޅުވެފައިވަނީ ފްލެޓްތަކުގެ މަސައްކަތުގައި ލަސްތަކެއް އުޅެނީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީކަމަށެވެ. ނަމަވެސް މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްކަމަށާއި އެގޮތުން މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތްކަމަށެވެ.
ޝާހިދު ވިދާޅުވީ ފްލެޓްތައް ހަވާލުކުރާއިރު، އެޕަޓްމަންޓްތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައިކަމަށެވެެ. އަދި މިމަހުގެ ތެރޭގައި މުވައްޒަފުންނާ ފްލެޓްތައް ހަވާލުކުރާނެކަމަށެވެ.
ނަމަވެސް މަސް ނިމިގެން ދިޔައިރުވެސް ފްލެޓްގެ މަސައްކަތްވެސް ނިމިފައި ނުވެއެވެ. އަދި މުވައްޒިފުންނަށް ފްލެޓް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއްވެސް ކޮށްފައި ނުވެއެވެ. އެކުންފުނިން ވަނީ މުވައްޒިފުން އަތުން ޑައުންޕޭމަންޓްވެސް ނަގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލްގެ ފްލެޓްތައް ނުނިމެނީ ކޮންޓްރެކްޓަރާއި، އެމްޕީއެލްއާއި ދެމެދު އުޅޭ މައްސަލަތަކެއްކައެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދަނީ 15 ބުރީގެ 3 ޓަވަރެެވެ. ފްެލެޓްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުޚަލާގެ މަސައްކަތްތަކެވެ.
އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.
ކޮމެންޓު ފޮނުވާ