އިންޑިޔާގެ ދިފާއީ ވަޒީރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

އިންޑިޔާގެ ދިފާއީ ވަޒީރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2023 03:04
0

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިޔާގެ ޑިފެންސް މިނިސްޓްރީން އާންމުކޮށްފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިނިސްޓަރ ރާޖްނާތް މާދަމާ ރާއްޖެ ވަޑައިގަތުމަށްފަހު، އިންޑިޔާއަށް އެނބުރި ވަޑައިގަންނަވާނީ މެއި 3 ގައެވެ. މި ދަތުރުގައި އެ މަނިކުފާނު ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ޚާރިޖީ ވަޒީރު ޝާހިދުއާއި ބައްދަލުކުރައްވާނެ ކަމަށްވެސް އިންޑިޔާއިން ހާމަކޮށްފައިވެއެވެ. އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހުއާއި މަޝްވަރާ ކުރައްވާނެކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރާޖްނަތުގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު، ހުރަވީގެ ބަދަލުގައި ވަސީލަތްތައް ގިނަ ޒަމާނީ އާ އުޅަނދެއް ހަދިޔާކުރައްވާނެ އެވެ. އެ އުޅަނދު މިވަގުތު އޮތީވެސް ރާއްޖޭގައެވެ.

ރާއްޖޭގެ ސިފައިންގެ ދެވަނަ ލޭންޑިން ކްރާފްޓް އެސޯލްޓް (އެލްސީއޭ) އަކާއި 24 ޔުޓިލިޓީ ވެހިކަލް އިންޑިއާ އިން ހަދިޔާ ކުރުންވެސް މާދަމާ ކުރިއަށް ގެންދާނެއެވެ. އިންޑިއާ އިން ހުރަވީ ހަދިޔާކުރީ އޭޕްރީލް 16، 2006 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައެވެ.

ހުރަވީގެ ބަދަލުގައި އާ ކޯސްޓްގާޑެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.