ބާސާއަށް އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް

ބާސާއަށް އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް ބަލިކޮށް ބާސެލޯނާއިން ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ބޮޑުބައި ބެޓިސްއިން އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ.

މެޗްގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 14 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންޑްރިއާ ކްރިސްޓެންސެންއެވެ. މިއީ އޭނާ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗްގައި ބެޓިސްގެ ލުއިސް ފިލީޕޭއަށް އަނިޔާވުމުގެ ސަބަބުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުވި އެޑްގާ ގޮންޒާލޭސްއަށް ގާތްގާތުގައި ދެއްކި ދެ ރީނދޫ ކާޑާއެކު އޭނާއަށްވަނީ ރަތްކާޑު ދައްކާ މެޗްގެ 33 ވަނަ މިނެޓްގައި ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު މެޗްގެ ބާކީ ބައި އެޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މި މެޗްގައި ބާސާގެ ލީޑުފުޅާކުރީ މެޗްގެ 36 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ޖަހާދިން ލަނޑުންނެވެ. އަދި އޭގެ ތިން މިނެޓްފަހުން ރަފީނިއާ ވަނީ ބާސާގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފަހު ލަނޑަކީ މެޗްގެ 82 ވަނަ މިނެޓްގައި ބެޓިސްގެ ގުއިޑޯ ރޮޑްރިގޭޒް ގައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން ބާސާ މޮޅުވިއިރު އެޓީމްގެ އުމުރުން 15 އަހަރުގެ ޒުވާން ކުޅުންތެރިޔާ ލެމީނާ ޔަމާލް ވަނީ މެޗްގެ 84 ވަނަ މިނެޓްގައި ކުޅެން އަރާ ބާސާގެ ތާރީހްގެ ތެރެއިން ޖާގަ ހޯދާފައެވެ. ބާސާގެ އެކަޑަމީން ސީނިއަރ ޓީމަށް ޕްރޮމޯޓްވެފައިވާ ޔަމާލް ވަނީ މި މެޗްގައި ކުޅުމާއެކު ބާސާގެ ސީނިއަރ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ޔަމާލްއަށް 16 އަހަރު ފުރޭނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާގެ މިހާރުގެ އުމުރަކީ 15 އަހަރާއި 290 ދުވަހެވެ.

މި ކާމިޔާބީއާއެކު ބާސާ މިހާރު އުޅެނީ 32 މެޗުން ލިބިފައިވާ 79 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ދެމެދު 11 ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. މި މެޗުން ބަލިވުމުން ބެޓިސް އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *