ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ އަތުން ހަތް ލައްކަ ޑޮލަރު ނުވަތަ 10 މިލިއަން ރުފިޔާ ނަގައި ދިނުމަށް އެދި ސިވިލް ކޯޓަށް މީހަކު މައްސަލައެއް ހުށަހަޅައިފިއެވެ.
ޖާބިރުއާ ދެކޮޅަށް މައްސަލަ ހުށަހެޅީ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްގެ ފަންސާސް އިންސައްތަ ހިއްސާ އޭނާ ގަތުމަށް އެއްބަސްވުމަށްފަހު އެ ފައިސާ އެއްކޮށް ދައްކާފައިނުވާ ކަމަށް ބުނެއެވެ. އެ ކުންފުނީގެ ދެބައިކުޅަ އެއްބައި ހިއްސާ ޖާބިރު ގަތުމަށް އެއްބަސްވެފައިވަނީ 750,000 ޑޮލަރަށް ކަމަށާއި އޭގެ ތެރެއިން މިހާތަނަސް ޖާބިރު ދައްކާފައިވަނީ ފަންސާސް ހާސް ޑޮލަރު ކަމަށް އެ މައްްސަލަ ހުށަހެޅި މީހާ ވަނީ ބުނެފައެވެ.
އޭނާ ސިވިލް ކޯޓުގައި އެދުނީ ޖާބިރުގެ އަތުން ހަތް ލައްކަ ޑޮލަރު ނަގައިދިނުން ނުވަތަ އެ ފައިސާ ޖާބިރަށް ނުދެއްކޭ ނަމަ ފަންސާސް އިންސައްތަ ހިއްސާ ނަގައިދިނުމަށެވެ.
މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްތަކެއް ކޮށްފައެވެ. އެ ކުންފުނީގެ ނަމުގައި ބައެއް ފަޅުރަށްތައް އެބައޮތެވެ. މައްސަލަ ބޮޑުވި ވ. ބޮޑުމޮހޮރާ, ފަންސާސް އަހަރަށް ދޫކޮށްފައި ވަނީ ވެސް މެރިން ޓެކްނޮލޮޖީ މޯލްޑިވްސް އަށެވެ. އެ އެއްބަސްވުމުގައި މެރިން ޓެކްނޮލޮޖީގެ ނަމުގައި ސޮއި ކުރައްވާފައިވަނީ ޖާބިރުއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޖާބިރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ކުރިން ހުރި ނަމަވެސް ފަހަކަށް އައިސް ޖާބިރުގެ ވިޔަފާރި ވަނީ އަޑިއަޅާލާފައެވެ.