ސްޕެނިޝް ލީގުގައި ރޭ ވަލެންޓިން ކަސްޓެޔާނޯސް ޖެހި ހަތަރު ގޯލާ އެކު، 4-2 އިން ރެއާލް މެޑްރިޑް އަތުން ޖިރޯނާ ތާރީހީ މޮޅެއް ހޯދައިފިއެވެ.
މެޗުގައި ޖިރޯނާގެ ހަތަރު ލަނޑު ވެސް ޖެހީ ކަސްޓެލާނޯސްއެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. އެއީ މިހުއޭލް ގުޓިއަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސްޓެލާނޯސް ޖެހި ލަނޑުންނެވެ. އޭގެ ބާރަ މިނެޓު ފަހުން ކަސްޓެލާނޯސް، ޖިރޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާނައު މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
މެޗުގެ 34 ވަނަ މިނެޓުގައި މާކޯ އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް ލަނޑު ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ. ދެ ވަނަ ހާފަށް ނުކުމެ ފުރަތަމަ މިނެޓުގައި ޖިރޯނާ އިން ވަނީ ލަނޑު ޖަހައިފައެވެ. މި ލަނޑު ކަސްޓެލާނޯސް ޖެހީ ޔާން ކުޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަހުން ޖިރޯނާގެ ހަތަރު ވަނަ ލަނޑު ކަސްޓެލާނޯސް ޖެހީ 62 ވަނަ މިނެޓުގައެވެ. މެޗުގައި ރެއާލްގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖެހީ ވިނީޝިއަސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.
ޖިރޯނާއާ ދެކޮޅަށް ރެއާލުން ނުކުތީ މުހިންމު ބައެއް ކުޅުންތެރިން ނުހިމަނައެވެ. އޭގެ ތެރޭގައި ކެޕްޓަން ކަރީމް ބެންޒެމާ، އެއް ވަނަ ގޯލް ކީޕަރު ތިބައޫ ކޯޓުއާ، ފާލަންޑް މެންޑީ، ޑޭވިޑް އަލަބާ އަދި އެޑެން ހަޒާޑް ހިމެނެއެވެ. މީގެ ތެރެއިން ކެޕްޓަން ބެންޒެމާ އަށް ރެސްޓު ދީފައި ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް އުޅުމުގެ ސަބަބުންނެވެ. ޖިރޯނާ މެޗަށްވުރެ ރެއާލުން އިސްކަން ދެނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.