ޑިއެގޯ މަރަޑޯނާގެ އާޖެންޓީނާގެ ޖާޒީ ރަމްޒުކޮށްދޭ ޖާޒީއެއްގައި ކުޅެ އޭނާގެ ހަނދާންތައް ނަޕޯލިން އާކޮށްފިއެވެ.
ނަޕޯލީ އަށް މަރަޑޯނާ ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ނަޕޯލީން ބޭނުންކުރީ މަރަޑޯނާ 1986 ވަނަ އަހަރު އާޖެންޓީނާ އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން އިރު ބޭނުންކުރި އެ ގައުމުގެ ހޯމް ޖާޒީއާ އެއްގޮތަށް ޑިޒައިންކޮށްފައިވާ ޖާޒީއެކެވެ. އެއީ ނުލާ ހުދުގެ ރޮނގުތަކެއް ދަމާފައިވާ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެކެވެ.

ނަޕޯލީން ބުނީ މި ޖާޒީ ފަރުމާކުރުމަކީ އެ ކްލަބުގެ ކިޓް ސްޕޮންސަރު ކައްޕާއާ އެކު މީގެ އަހަރެއްހާ ދުވަސްކުރިން ކުރި ހިޔާލެއް ކަމަށެވެ. އަދި މަރަޑޯނާ އަށް މި ޖާޒީގައި ނަޕޯލީ ކުޅޭ މަންޒަރު ފެނި އޭނާ ފަހަރުގައި މި ޖާޒީ ލައިގެން އުފަލުގައި ބައިވެރިވާނެ ކަމަށް އުއްމީދުކުރި ކަމަށެވެ.
ރޭގެ މެޗުގައި ނަޕޯލީގެ ފުރަތަމަ ލަނޑުޖެހުމައްފަހު ކެޕްޓަން ލޮރެންޒޯ އިންސީނޭ އުފާފާޅުކުރީ މަރަޑޯނާގެ 10 ނަމްބަރިު ޖާޒީ ހިފައިގެންނެވެ.
މިދިޔަ ބުދަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި އުމުރުން 60 އަހަރުގެ މަރަޑޯނާގެ ކްލަބް ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް 1984-1991 އަށް ހޭދަކުރީ ނަޕޯލީގަ އެވެ. އޭނާ ވަނީ އެ ޓީމަށް އިޓާލިއަން ލީގު ދެ ފަހަރު އަދި ޔުއެފާ ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ.
ކޮމެންޓު ފޮނުވާ