ޕެނަލްޓީ ޖަހައިގެން 7-6 އިން ބްރައިޓަންގެ މައްޗަށް ކުރިހޯދައި، މެންޗެސްޓާ ޔުނައިޓެޑުން އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ފުރުސަތު ހޯދައިފިއެވެ.
މިއީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް، އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލެއްގައި ޔުނައިޓެޑާއި ސިޓީ ބައްދަލުކުރާނެ ފުރަތަމަ ފަހަރެެވެ. އެހެންކަމުން، މިއީ މެންޗެސްޓާ ސަރަަހައްދަށް ނިސްބަތްވާ ދެ ޓީމުގެ މެދުގައި ކުރިއަށްދާނެ ތާރީހީ ފައިނަލެކެވެ. ފައިނަލް ކުޅޭނީ ޖޫން ތިން ވަނަ ދުވަހުގައެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު، ދެ ޓީމަށް ވެސް އޮތީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ޔުނައިޓެޑުން ވަނީ އެ ޓީމުން ފޮނުވާލި ހަތް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައެވެ. އެކަމަކު، ބްރައިޓަންގެ ފަހު ޕެނަލްޓީ ސޮލީ މާޗް ފޮނުވާލިއިރު، ހުރަސް ދަނޑިމަތިން ދިއުމުން މޮޅުވާން ލިބުނު ޕެނަލްޓީ ވައްދައިގެން ޔުނައިޓެޑް ފައިނަލަށް ދަތުރުކުރީއެވެ.
ޔުނައިޓެޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ކަސެމީރޯ، ޑިއޯގޯ ޑަލޯ، ޖޭޑަން ސަންޗޯ، މާކަސް ރަޝްފޯޑް، މާސެލް ސަބިޓްޒާ، ވައުޓް ވެގްހޯސްޓް އަދި ވިކްޓަ ލިންޑެލޯފްއެވެ. ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ، ޕަސްކާލް ގްރޮސް، ޑެނިޒް އުންޑޭވް، ޕެލްވިސް އެސްޓޫޕީނިއާން، ލެވިސް ޑަންކް، އެޑަމް ވެބްސްޓާ ޕެނަލްޓީ ވައްދާލި ނަމަވެސް މާޗްގެ ޕެނަލްޓީ ވީ ނާކާމިޔާބެވެ.
މިއީ ކޯޗު އެރިކް ޓެން ހާގާއެކު ޔުނައިޓެޑް ދަތުރުކުރި ދެވަނަ ފައިނަލެވެ. ފެބްރުއަރީ މަހު ޔުނައިޓެޑުން ވަނީ ކަރަބާއޯ ކަޕް ކާމިޔާބުކޮށްފައެވެ. މެންޗެސްޓަރ ޑާބީގެ ވާދަވެރި ފައިނަލް މެޗު ކުޅޭނީ ޖޫން މަހުގެ ތިންވަނަ ދުވަހުއެވެ. މެންޗެސްޓަރ ސިޓީ ފައިނަލުން ޖާގަހޯދީ 3-0 ން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްގެންނެވެ.