މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ބާތިލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އިސްވެ ހުންނަވާ ހުށަހަޅުއްވާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.
އެ ޕެޓިޝަނުގައި ބުނީ، ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޯޅަވަހި އަތޮޅުގެ ރަށްތަކުން ދިވެހި ގައުމަށް ހައްގުވާ ސަރަހައްދު ހިމެނޭގޮތަށް އދ. ގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ލިޔުންތައް ބާތިލުވާގޮތަށް ކަމަށެވެ. އަދި ދިވެހި މަސްކަނޑުން މިހާރުވެސް ލިބިފައިވާ 150 މޭލު ހިމެނޭ މަސްކަނޑުގެ ސަރަހައްދާއި ކަނޑާއި ޖައްވާއި، ކަނޑު އަޑީގައިވާ އަގުބޮޑެތި މައުދަންތަކާއި އެހެނިހެން ވަސީލަތްތަކުން ދިވެހިން މަހުރޫމުވުމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސިއްރުން ދޫކޮށްފައިވާ ފޯޅަވަހި ސިޓީ އަނބުރާ ގެނައުމަށާއި އަދި މި ކަމުގައި ހިމެނޭ ކަމަށް ބުނާ 500 މިލިއަން ޑޮލަރުގެ ސިއްރު ޑީލުގެ ހަގީގަތް ރައްޔިތުންނަށް އިތުބާރު ހިފޭ ނުފޫޒުން އެއްކިބައިވެފައިވާ މިނިވަން ފަރާތަކުން ތަހުގީގުކޮށް އަދި ފޯޅަވަހި ސިޓީ ބާތިލު ކުރުމަށް.
– ޕެޓިޝަންގައި ވަނީ ގޮވާލާފައެވެ.
ޗާގޯސް މައްސަލާގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މައްސަލާގައި މީގެ ކުރިން ވެސް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ. އޭރު ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވީ ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަން ނުވަތަ ނޫންކަން ހާމަކުރަން ގޮވާލައެވެ.
މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރާކަން ހާމަކުރައްވާ ރައީސް ސޯލިހް މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ބާތިލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާއިރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމްކުރުމަށް ވަނީ ތާވަލްކޮށްފައެވެ.
މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ އިހްތިޞާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019ގަ އެވެ. އޭރުވެސް މިހާރުވެސް ޗާގޮސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ.
އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޮސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ. އިޓްލޮސް އިން މިދިޔަ އަހަރުވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ރާއްޖެއިން މީގެކުރިން އަބަދުވެސް އައީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ބުނެ ވަކާލަތުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން މިހާރު ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ސިޓީ އަކުން ރަސްމީކޮށް އެކަން އަންގާފައެވެ.