ރެސިޕީ 55: ކޯންޑް ބީފް ޕާސްތާ

ރެސިޕީ 55: ކޯންޑް ބީފް ޕާސްތާ

މިއަދު މިގެނެސްދެނީ މީރު ޕާސްތާ ގަންޑެއް ތައްޔާރު ކޮއްލާނެ ގޮތެވެ. އެގޮތުން މިއަދު މި އޮތީ ކޯން ބީޕް ޕާސްތާއެވެ. މީގައި މަހަކަށް ބޭނުން ކުރަނީ ބީފް ނުވަތަ ގެރި މަހެވެ.

ގެރި މަސް ކަމުނުދާ ކަމަށް ވާނަމަ ކުކުޅު ވެސް ބޭނުން ކޮށްގެން މި ޕާސްތާ ގަނޑު ތައްޔާރު ކޮށްލެވިދާނެއެވެ. މީ ރޯދަ ވިއްލާ ގަޑިއަށް ތައްޔާރު ކޮށްލުމަށް ރަނގަޅު އެއްޗަކަށް ވާނެއެވެ.

ބޭނުން ވާނެ ތަކެތި:

4 ޖޯޑު ޕާސްޓާ

7 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

ކުޑަ ލޮނުކޮޅެއް

3 ލޮނުމެދު

3 ހިކަނދިފަތް

½ ފިޔާ

1 ދަޅު ކޯންޑް ބީފް (340 ގްރާމް)

4 ޗީޒް ފޮތި

1 ކުޑަ ޓޮމާޓޯ ޕޭސްޓް ދަޅު

ތައްޔާރު ކުރާނެ ގޮތް:

ބޮޑު ތެއްޔަކަށް ފެންކޮޅު އަޅާލައި ފެންގަނޑު ކެކިގަންނަންދެން ކައްކާށެވެ.

ފެންގަނޑު ކެކި ގަތީމައި އޭގެތެރެއަށް ޕާސްޓާކޮޅާއި މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާށެވެ. ބޭނުމިއްޔާ ލޮނު ކޮޅެއްވެސް އެޅި ދާނެއެވެ. ކޯންޑް ބީފްއަކީ ވަރަށް ލޮނުގަދަ އެއްޗަކަށް ވާތީވެ އަހަރުމެން އެޅީ ދެ އިނގިލިން ނަގާ ބުރުއްސާލެވޭވަރުގެ ލޮނުކޮޅެކެވެ.

ގިތެޔޮ މިރުސް ތުނިކޮށް ކޮށާލާށެވެ. އަދި ފިޔައާއި ލޮނުމެދު ތުނިކޮށް ކުދިކޮށް ކޮށާލާށެވެ.

ޕާސްޓާ ރަނގަޅަށް ކެކުމުން ފުރޭނުމަށްފަހު އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. އަހަރުމެންގެ ޕާސްޓާ ގަނޑު ރަނގަޅަށް ކެކެން 15 މިނެޓު ވިއެވެ.

ބޮޑު ތެއްޔަކަށް މޭޒުމަތީ ސަމުސަލެއްގެ ތެޔޮކޮޅެއް އަޅާލާފައި އެހޫނު ވުމުން ފިޔާކޮޅާއި ލޮނުމެދާއި ގިތެޔޮ މިރުހާއި ހިކަނދިފަތްކޮޅު އޭގެ ތެރެއަށް އަޅާލާށެވެ. އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށްޓަކައި ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި އަވަސް އަވަހަށް ހަލަމުންވެސް ގެންދަންވާނެއެވެ.

ފިޔާކޮޅު މަޑުވާން ފެށުމުން ކޯންޑް ބީފްކޮޅު އޭގެ ތެރެއަށް އަޅާލައި ކޯންޑް ބީފްކޮޅަށް މުށިކުލަ އަރަންދެން ކައްކާށެވެ.

ދެން ޓޮމާޓޯ ޕޭސްޓް އަޅައި އިތުރު 5 މިނެޓެއް ހާއިރު ވަންދެން ކައްކާލާނީ އެވެ. އެއަށްފަހު ކުރިން ކެއްކި ޕާސްޓާއާއި ޗީޒް ފޮތިތައް ތެއްޔަށް އަޅައި ރަނގަޅަށް އެއްކޮށްލައި ޗީޒްފޮތިތައް ދިޔާވާން ފަށަންދެން ކައްކާލާނީއެވެ. މިކަމަށް މިނެޓެއްވެސް ނުނަގާނެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *