ލީގުގައި ގެޓަފޭ ދަނޑުގައި ރޭ ލަނޑެއް ނުޖެހި 0-0 ބާސެލޯނާ އެއްވަރުވިއިރު، މި މެޗު ކުޅުނު ދަނޑުގެ ވިނަގަނޑު އެންމެ ރަނގަޅު ހާލަތުގައި ނެތް ކަމަށް ބުނެ، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ލީގުގައި ޖެހިޖެހިގެން ދެ މެޗުގައި ބާސެލޯނާ އަށް ޕޮއިންޓް ގެއްލުނަސް އެ ޓީމު އެއް ވަނައިގައި އޮތީ ރަނގަޅު ލީޑަކާ އެކުއެވެ. އެއީ 11 ޕޮއިންޓުގެ ލީޑެކެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ގެޓަފޭ އިން ވެސް ހޯދި މި މެޗުގައި ބާސެލޯނާ އިން 25 ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލިއެވެ. އެ ގޮތުން ބާސެލޯނާގެ ރަފީނިއާ ހުސްކޮށް ވަދެ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ޓީމުގެ ފުލްބެކް، ރަފީނިއާ ޖެހި ރީބައުންސް ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ފުރަތަަމަ ހާފުގައި ބާސެލޯނާގެ ރޮބަޓް ލެވަންޑޯސްކީ ބޮލުން ޖެހި ބޯޅަ ގެޓަފޭ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ އަތަށް ނަގައިފައެވެ.
މެޗަށްފަހު ޒަވީ ބުނީ ހިކިފައި އޮތް ވިނަ ދަނޑެއްގައި ކުޅެން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި އެއިން ގެއްލުންވަނީ ހަމައެކަނި ބާސެލޯނާއަށް އެކަނި ނޫން ކަމަށެވެ.
އިއްޔެ އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީ ބާސެލޯނާގައި އޮތް ޑްރައި ޕިޗެއްގައި. ވިނަތަކުން ވަރަށް ތަދުވޭ. އަހަރެމެންނަށް އެކަންޏެއް ނޫން މިއިން ގެއްލުން ވަނީ، ގެޓަފޭއަށް ވެސް. ބަލާބަލަ މުނީރު (އަލް ހައްދާދީ)، އޭނާއަށް ހަމަލާއެއް ފޮނުވާނުލެވުނު. މިއާ ގުޅިގެން އަހަރެންނަށް ފާޑުކިޔުން އާދޭ އަބަދުވެސް. އެކަމަކު ދަނޑުގެ ހާލަތު އެހާ ރަނގަޅެއް ނޫން. ވިނަގަނޑު އޮތީ ހިކިފައި. އެކަމަކު އެއީ އުޒުރެއް ނޫން، އަހަރެމެންނަށް ރަނގަޅަށް ނުކުޅެވުނީ. އެއްވަރު ވުމަކީ އެހާ ގޯސް ނަތީޖާއެއް ނޫން އެކަމަކު އަހަރެމެންގެ ކުޅުންތެރިންގެ ކޮންފިޑެންސް ގެންނަން ޖެހޭ.
– މެޗަށް ފަހު ޒަވީ ބުންޏެވެ.
ބާސެލޯނާ އަށް 29 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 29 މެޗުން 62 ޕޮއިންޓް ލިބިފައެވެ. އެންޓޮއިން ގްރީޒްމަންގެ ދެ ގޯލާ އެކު، ރޭ އަލްމެރިއާ އަތުން 2-1 އިން މޮޅުވި އެތުލެޓިކޯ މެޑްރިޑް ތިން ވަނައިގައި އޮތީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.