ރ އަލިފުށީ މަގުތަކުގައި ތާރު އެޅުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
މި ކޮންޓްރެކްޓުގެ އަގަކީ 90،956،112.97 (ނުވަދިހަ މިލިއަން ނުވަލައްކަ ފަންސާސް ހަހާސް އެއްސަތޭކަ ބާރަ ރުފިޔާ ނުވަދިހަ ހަތް ލާރި) އެވެ. މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ 540 ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުން ހިމެނެއެވެ.
RDC contracted for the Design and Build of Major Roads at R. Alifushi.#TeamRDC pic.twitter.com/ZYpY16aUgL
— Road Development Corporation Ltd (@rdcmaldives) April 16, 2023
އާރުޑީސީން މިހާރުވެސް ގެންދަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކުންފުނުނިން ގެންދަނީ އަމީނީ މަގު ޒަމާނީ ފެނަވަރަކަށް ހެދުމުގެ މަޝްރޫޢުވެސް ހިންގަމުންނެވެ.