މިއަދު މި ގެނެސްދެނީ އަނެއްކާވެސް ބުއިމެއް ތައްޔާރު ކޮށްލާނެ ގޮތެވެ. މިއީ މިލްކްޝޭކް ކަމުދާ ބޭފުޅުންނަށް ވަރަށް ވެސް ރަނގަޅު އެއްޗަކަށް ވެގެން ދާނެއެވެ. މިއީ ޑާކް ފެންޓަސީ މިލްކްޝޭކްއެވެ.
ބޭނުން ވާނެ ތަކެތި:
ޗޮކްލެޓު ސިރަޕަށް:
1/3 ޖޯޑު ފުލް ކްރީމް ކިރު
60 ގްރާމް ޑާކް ކުކިންގް ޗޮކްލެޓް
2 މޭޒުމަތީ ސަމުސާ ހަކުރު
މިލްކަށް ބޭނުން ވާނެ ތަކެތި:
12 ސަންފީސްޓް ޑާކް ފެންޓަސީ ޗޮކޯ ފިލްސް (2 ފޮށި)
2 ޖޯޑު ފުލް ކްރީމް ކިރު
1 މޭޒުމަތީ ސަމުސާ ހަކުރު
260 ގްރާމް ވެނީލާ އައިސް ކްރީމް
ޓޮޕިންގް އަށް ބޭނުން ވާނެ ތަކެތި:
½ ޖޯޑު ވިޕިންގް ކްރީމް
ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ މިއޮތީ ޗޮކްލެޓް ސިރަޕް ހެދުމެވެ. 1/3 ޖޯޑު ފުލް ކްރީމް ކިރާއި 60 ގްރާމް ޑާކް ކުކިންގް ޗޮކްލެޓާއި 2 މޭޒުމަތީ ސަމުސަލުގެ ހަކުރު ކުޑަ ތެއްޔަކަށް އަޅައިގެން 6 މިނިޓު ވަންދެން ނޫނީ އޮލަ ވަންދެން ކައްކާށެވެ. ދެން އެއްޗަކަށް އަޅާފައި ފިނިކުރަން ފްރިޖަށް ލާށެވެ. ފްރިޖުގައި ބަހައްޓާނީ 20 މިނިޓު ވަންދެނެވެ. ޗޮކްލެޓް ސިރަޕް އެހެރީ ތައްޔާރު ވެފައެވެ.
ޑާކް ފެންޓަސީ ޗޮކޯ ފިލްސްތައް މެދުން ބިންދާލާފައި މިކްސަރަށް އަޅާށެވެ. 2 ޖޯޑު ކިރާއި 1 މޭޒުމަތީ ސަމުސަލުގެ ހަކުރުވެސް މިކްސަރަށް އަޅާށެވެ. ދެން 20 ސިކުންތު ވަންދެން ނޫނީ މިކްސަރުގެ ތެރޭގައި ހުރި އެއްޗެހި ރަނގަޅަށް އެއްވެލަންދެން ގިރާށެވެ.
ދެން މިކްސަރުގެ ތެރެއަށް ވެނީލާ އައިސް ކްރީމާއި ކުރިން ތައްޔާރު ކުރި ޗޮކްލެޓު ސިރަޕުން 2 މޭޒުމަތީ ސަމުސާ އަޅާފައި އަނެއްކާވެސް 20 ސިކުންތުވަރު ގިރާށެވެ. މިހާރު އެހެރީ މިލްކް ޝޭކް ގިރާ ނިމިފައެވެ. ދެން މިލްކް ޝޭކް ފިނިކުރަން ފްރިޖަށް ލާށެވެ.
ވިޕިންގް ކްރީމް ބޯތަށްޓަކަށް އަޅާފައި 3 މިނިޓު ވަންދެން ނޫނީ "ސްޓިފް ޕީކްސް" ހެދެންދެން އަތުން ހިފާ ކަރަންޓު މިކްސަރު ބޭނުން ކޮށްގެން ގިރާށެވެ. ސްޓިފް ޕީކްސް ހެދުނު ކަމަށް ބަލާނީ ގިރާ އެތި ވިޕިންގް ކްރީމްގެ ތެރެއަށް ލާފައި އެއިން ނަގާއިރު އޭގައި ބައްޓަން ނުގެއްލި ވިޕިންގް ކްރީމް ހަރުލާފައި ހުންނަ ވަރުވީމައެވެ. ބޯތަށްޓާއި އަތުން ހިފާ މިކްސަރުގެ ގިރާއެތި ކުރީ ބައިގައި ފްރިޖަށްލާފައި ފިނިކޮށްލާފައި ބެހެއްޓީމައި ވިޕިންގް ކްރީމް ހަދަން ފަސޭހަ ވާނެއެވެ.
ބާކީ ހުރި ޗޮކްލެޓް ސިރަޕްތައް ތަށިތަކުގެ އެތެރޭ އަރިމަތި ތަކުގައި ސަމުސަލަކުން އުނގުޅާލާށެވެ. ފިނިކޮށްފައި ހުރި މިލްކް ޝޭކް ތަށިތަކަށް އަޅާށެވެ. ކޮންމެ ތަށްޓެއްގެ މައްޗަށް ވިޕިންގް ކްރީމް އަޅާށެވެ. އަދި ވިޕިންގް ކްރީމްގެ މައްޗަށް ޗޮކްލެޓް ސިރަޕްކޮޅެއް އޮއްސާލާށެވެ.