މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މިމަހުގެ27 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހުރި 12 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
ހއ. ދިއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށާއި،. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ކެލާ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެ ރަށު ބަނދަރު ސަރަހައްދުން އެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓު ސައިޒުގެ ރަބަރު ޕެކެޓެއް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެއިތުރުން އދ. އަތޮޅު އޮޕަރޭޝަން ޓީމާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެއަތޮޅު ދިއްދޫއަށް އައި 18 އަހަރުން ދަށުގެ ކުއްޖަކު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން އިތުރަސް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ