ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފުއެވެ. ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.
އާދަމް ޝަރީފް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައިވަނީ ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރާފައިވާ ކަމަށެވެ. އެ ފައިސާ ނުލިބުމުން ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް މުސާރަ ނުދެވި ކުލި ދެއްކުމަށް ދަތިވެ ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފު ވިދާޅުވީ ކުންފުނި ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެކަންކަމަށް ރިއާޔަތް ނުކޮށް ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ފެނަކައިން އެތައް ހަރަދެއް ކުރަމުންދާ ކަމަށެވެ. އާދަމް ޝަރީފުގެ ކުއްލި މައްސަލައިގައި ވަނީ ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބު ބެލުމަށް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލާފައެވެ.
ފެނަކައިގެ ދަރަނި އިންތިހާއަށް މަތިވެފައިވާާއިރު، ފެނަކަ ކޯޕަރޭޝަނުން ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތަކަށް ދައްކާންޖެހޭ ފައިސާ އެކުންފުނިން ނުދައްކައިގެން ގިނަ ކުންފުނިތަކުން ދަނީ ޝަކުވާކުރަމުންނެވެ.
އަދި އެކުންފުނީގެ އިސް ބައެއް ވެރިންގެ މައްޗަށް ފާއިތުވެދިޔަ ތަނުގައިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްވެސް ކުރެވިގެން ގޮސްފައެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކޮށްފައިވާ 27 ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 18 މައްސަލައެއް އަދިވެސް ތަހުގީގު ކުރަމުން ދާކަމުގައި އޭސީސީން މީގެކުރިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ