ވިޔަރެއާލުން ރެއާލް މެޑްރިޑް ބަލިކޮށްފި

ވިޔަރެއާލުން ރެއާލް މެޑްރިޑް ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލުން 3-2 އިން ރެއާލް މެޑްރިޑް ބަލިކޮށްފިއެވެ.

ރެއާލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި ރެއާލުން ލީޑުނެގީ ވިޔަރެއާލްގެ ޑިފެންޑަރު ޕައު ޓޮރޭޒް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ރެއާލްގެ މާކޯ އަސެންސިއޯ ނެގި ހުރަހެއް ގޯލު ރޮނގުމަތިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޓޮރޭޒް ފައިގައި ޖެހިފައި ވަނީ ބައިކޮޅަށެވެ.

ވިޔަރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 39 ވަނަ މިނިޓްގައި ނައިޖީރިއާގެ ފޯވާޑް، ސެމިއުލް ޗުކުވޭޒީ ޖެހި ގޯލުންނެވެ. ރެއާލްގެ އޭރިއާތެރެއިން ނަޗޯ ފެނާންޑޭޒް ކައިރިން ނައްޓާފައި ޗުކުވޭޒީ ޖެހި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ރެއާލަށް އަލުން ލީޑުނަގައިދިނީ ވިނީޝިއުސް ޖޫނިއާއެވެ. ވިޔަރެއާލްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ވިނީޝިއުސް ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފައެވެ. ރެއާލަށް ދެ ގޯލުގެ ލީޑެއް ނަގަން، އެ ޓީމުގެ ކެޕްޓަން، ކަރީމް ބެންޒެމާ ދިން ބޯޅަ އަކުން ވިނީޝިއުސް ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ފަހުން، ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ދިން ބޯޅައަކުން ވެސް ވިނީޝިއުސް އަށް ގޯލު ނުޖެހުނެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ވިޔަރެއާލުން އެއްވަރުކުރިއެވެ. މި ލަނޑު ޖެހީ ރެއާލް އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ވިޔަރެއާލްގެ ހޯސޭ ލުއިޒް މޮރާލޭސްއެވެ. މި ގޯލު ބަލައިގަތީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް އޮފްސައިޑް ނޫން ކަން ކަށަވަރުކޮށްފައެވެ.

ވިޔަރެއާލުން މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި، މޮޅުވި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޗުކުވޭޒީއެވެ. އެ ބޯޅަ ކަނަށް އަމާޒުވީ ރެއާލް ކީޕަރު ތިބޯ ކޯޓުއާ އަތް ކައިރިން ގޮހެވެ.

ލީގު ތާވަލަށް ބަލާއިރު، ބާސެލޯނާ އަށް 27 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 28 މެޗުން ލިބިފައި އޮތީ 59 ޕޮއިންޓެވެ. ބާސެލޯނާ މި ވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކުއެވެ. އެހެން ނަަމަވެސް ހޯމަ ދުވަހު ޖިރޯނާ އަތުން ބާސެލޯނާ މޮޅުވެއްޖެނަމަ އެއް ވަނައިގައި 15 ޕޮއިންޓަށް ލީޑުފުޅާކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *