ޔާމީންގެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި

ޔާމީންގެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި

Author
މުޙައްމަދު ޝަޒައިމް
04 އޭޕްރިލް 2023 02:32
0

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލާން އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް މާޗު މަހު ކުރީކޮޅު ހައި ކޯޓުން ވަނީ އޭގައި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރުމަށް ފަހު އަލުން ހުށަހަޅަން އަންގައިފައެވެ. މާޗު މަހުގެ ތެރޭގައި އެ ކަންކަން ފުރިހަމަކޮށްފައި އިސްތިއުނާފު ހުށަހެޅިއެވެ.

މީގެކުރިން ޔާމީންގެ ވަކީލުން ވިދާޅުވީ އެ ބޭފުޅުންގެ އަމާޒަކީ ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންކުރެއްވުން ކަމަށެވެ. ޔާމީންގެ ވަކީލުން މީގެކުރިން ބުނެފައިވަނީ މާޗުމަހު ރައީސް ޔާމީންގެ މައްސަލަ ހައިކޯޓުން ނިމޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށްވެސް ވަނީ ކުށް ސާބިތުވެ، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފްކޮށްފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
އަދި ސްޕްރީމް ކޯޓު ވެސް އޮންނާނެ....އިންތިޚާބަށްފަހު ކުށްވެރިއަކަށް ނުވާނެ.