ތަރައްޤީގެ ބައިވެރިންނަކީ ވަކި އެއްޤައުމެއްނޫން، ހުރިހާ ޤައުމެއްގެ ބައިވެރިވުން އެބައޮތް: ޝާހިދު

ތަރައްޤީގެ ބައިވެރިންނަކީ ވަކި އެއްޤައުމެއްނޫން، ހުރިހާ ޤައުމެއްގެ ބައިވެރިވުން އެބައޮތް: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 02:24
0

ރާއްޖޭގެ ތަރައްޤީގައި މިއަދު ބައިވެރިން އޮތީ ވަކި އެއްޤައުމަކާއި ނޫންކަމަށާއި، ދުނިޔޭގެ ހުރިހާ ޤައުމަކީވެސް ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ކަމުގައި ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ޗައިނާއާއެކު، ރާއްޖޭގެ ތަރައްޤީގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޮރިން މިނިސްޓަރީގައި އޮތް މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ދުރުވިސްނުންތަކާއެކު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ބައިވެރިވުން ބޮޑުކަމަށެވެ. ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި މިއަދު އެހީތެރިކަން ފޯރުކޮށް ދެއްވަނީ، ވަކި އެންމެ ޤައުމަކުން ނޫންކަމަށާއި، ދުނިޔޭގެ ހުރިހާ ޤައުމެއްގެ އެހީތެރިކަންވެސް މިއަދު އޮތްކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ދުރު ވިސްނުން ފުޅާއިއެކު ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރާއްޖެއާއި ރަހުމަތްތެރި ޤައުމުތަކުން ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ އެހީ، ބައިވެރިވުން ހޯއްދެވުމަށް ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. އޭގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނާއި މުޅި ދުނިޔެއާއި މިވަނީ ގުޅިލާމެހިފަ.

– މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން ދުނިޔެއާއި ލާމެހިފައިވާ ޤައުމަށް މިއަދު ރާއްޖެވެފައިވާއިރު އެކަމުގެ ފައިދާ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގައި އަބަދުވެސް މުހިންމު ހިއްސާއެއް އަދާކުރާ ޤައުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިންނަކީ ވަކި އެއްޤައުމެއްނޫން، އަޅުގަނޑުމެންގެ ތަރައްޤީގެ ބައިވެރިންނަކީ އަޅުގަނޑުމެންނާއިއެކު ގުޅުން އޮންނަ ހުރިހާ ޤައުމެއް.

– މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ސޮއިކުރުުމުގެ ރަސްމިއްޔާތުގައި 4 ދާއިރާއަކުން ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. ަ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.