އެމްއެންޕީގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ބޭރު ގައުމުތަކަށް ފުޅާކުރާނަން: ނާޒިމު

އެމްއެންޕީގެ ވެރިކަމެއްގައި ސަރުކާރު ކުންފުނިތަކުގެ ވިޔަފާރި ބޭރު ގައުމުތަކަށް ފުޅާކުރާނަން: ނާޒިމު

Author
އަޒްފާ ރަޝީދު
01 އޭޕްރިލް 2023 05:05
0

ސަރުކާރު ބޮޑެތި ކުންފުނިތަކުގެ ވިޔަފާރި ބޭރު ގައުމުތަކަށް ފުޅާކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ކްލަބްހައުސް އިވެންޓްގައި ރޭ ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ ސަރުކާރުގެ ބޮޑެތި ބައެއް ކުންފުނިތަކުން ކުރަންނުޖެހޭ ކަންކަމުގެ ތެރޭގައި އުޅޭތަން ފެންނަ ކަމަށެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ކުދި ވިޔަފާރިތައް ކުރާ ކަމަށާއި ކުދި ވިޔަފާރިތަކަށް ނުވަދެ ރާއްޖެއިން ބޭރަށް ވިޔަފާރި ފުޅާކޮށްގެން ނަފާ ހޯދޭނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރާއްޖޭން ބޭރުގައި ވިޔަފާރިކުރުމަށް ދިވެހި މިފަދަ ކުންފުނިތަކުގައި އިތުރަށް ފައިސާ އިންވެސްޓުކޮށް ހިއްސާ ގަންނާނެ ރާއްޖޭގެ ފަރާތްތައް އެބަ ތިބި ކަމަށެވެ.

ސަރުކާރުން ކުރަން އުޅޭ ކަމެއް ނުކުރެވި ފެއިލްވުމުން އެކަން ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރާ ކަމަށާއި އެގޮތަށް ހަވާލުކުރާއިރު ކުންފުނީގެ މެންޑޭޓުގައި ނެތް ކަންތައްތައްވެސް ހަވާލުކުރަމުންދާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ގޮތެއް ކުންފުނިތަކަށް ހަދަމުން ގެންދާ ކަމަށާއި މި އަމަލުތަކަކީ ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ގާނޫނުގެ މަގުސަދާ ހިލާފު ކަންކަން ކަމަށެވެ.

އެމްއެންޕީ ގެ ވެރިކަމެއްގައި މިކަންކަން ބަދަލުކޮށް ގާނޫނުގެ ރޫހާ އެއްގޮތަށް ކުންފުނީގެ ހިންގުން އަލުން އިންތިޒާމުކޮށް ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓާލައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.