މާލޭ ޖަލު ހުސްކުރަނީ

މާލޭ ޖަލު ހުސްކުރަނީ

Author
އަޒްފާ ރަޝީދު
30 މާރޗް 2023 09:48
0

އަންނަ އޮގަސްޓު މަހުގެ ކުރިން މާލޭ ޖަލު އެއްކޮށް ހުސްކުރެވޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ހާމަކޮށްފައިވާ ގޮތުގައި މާލޭ ޖަލު ހުސްކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބުނެފައިވެއެވެ. އޮގޮތުން އެތަނުގައި މިހާރު ތިބި ގައިދީން ބަދަލުކުރަން ނިންމާފައިވަނީ ހިއްމަފުށި އަދި މާފުށި ޖަލަށެވެ.

ގައިދީން ބަދަލުކުރުމަށްޓަކައި ހިއްމަފުށީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި އިތުރު ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ. މާލޭ ޖަލުގައި މިހާރު ތިބީ 100 އެއްހާ ގައިދީން ކަމަށާއި، އެހެންކަމުން އަލަށް އިތުރުކުރެވޭ ޔުނިޓްތަކާއެކު ގައިދީން އެކޮމޮޑޭޓް ކުރެވޭނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

މި ދެޖަލަށް ގައިދީން ބަދަލުކުރި ނަމަވެސް ޖާގައިގެ ދަތިތަކެއް ދިމާނުވާނެ ކަމަށާއި، އަދި ގައިދީން ބަދަލުކުރަނީ އެގޮތަށް ބަލާފައި ކަމަށާއި، އެކަށީގެންވާ އަދަދަކަށް ޔުނިޓްތައް އަޅަމުންދާ ކަމަށް ކަރެކްޝަންސްއިން ހާމަކުރެއެވެ. ހުޅުމާލޭ ޖަލު ފުރިފައި ހުރުމުން އެތަނަށް އެއްވެސް ގައިދީއެއް މާލޭ ޖަލުން ބަދަލު ނުކުރާނެ ކަމަށް އެފަރާތުން ބުނެއެވެ.

މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކަޑެމިކް އައު އަހަރަށް ކިޔެވުން ފެށުމުގެ ގޮތުން ޖަލާއި އިންވެގެން އަލަށް އިމާރާތްކުރި ދަރުމަވަންތަ ސްކޫލް ހުޅުވާ އެތަނުގައި ކިޔަވައިދޭން ފަށާތީކަމަށް ކަރެކްޝަންސްއިން ހާމަކޮށްފައިވެއެވެ. ދަރުމަވަންތަ ސްކޫލުގައި 635 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލޭ ޖަލުން ގައިދީން ބަދަލުކުރުމަށްފަހުގައި އެ އިމާރާތް ކަރެކްޝަނުން އެއްކޮށް ދޫކޮށްލާނެއެވެ. އަދި އެ އިމާރާތާމެދު ގޮތެއް ނިންމާނީ ސަރުކާރުންނެވެ.

މީގެ ކުރިން މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރުމަށްވެސް ހޯމް މިނިސްޓްރީން މަސައްކަތްކޮށްފައިވެއެވެ. މިދިޔަ އަހަރު މިކަމަށް ހާއްސަ ޕްރޮޖެކްޓެއް ފަށައި، މި މަސައްކަތާއެކު ރިމާންޑު ޖާގައަށް 400 ވަރަކަށް ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ. މިއީ ރިމާންޑު ކުށްވެރިން ބެލެހެއްޓުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.